ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)އާއި ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި، އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި ކުރެއްދޫ ހޯލްޑިންގްސް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.
އައިލެންޑު އެވިއޭޝަނުން މިއަދު ބުނީ، އެއާޕޯޓު ހުޅުވުމަށް ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ޝެޑިއުލް ދަތުރުތައް އަންނަ މަހު އެ އެއާޕޯޓަށް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ ކުރެއްދޫ ހޯލްޑިންގްސް އިން 11 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗާއިނާގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީ އިންނެވެ.
މަޑިވަރުގައި އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއާކްރާފްޓުތައް ޕާކު ކުރާނެ ސަރަހައްދަކާއި، ފަޔާ ބިލްޑިންގެ އިތުރުން އެއާޕޯޓް ޓާމިނަލެެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމައި، ގްރައުންޑު ހޭންޑްލިންއަށް ބޭނުންވާ ސާމާނު ވެސް މިހާރު ވަނީ ހަރުކޮށް ނިމިފައެވެ.
އައިއޭއެސް އިން ހިންގާ އިތުރު އެއާޕޯޓުތައް
- ބ. ދަރަވަންދޫ
- ތ. ތިމަރަފުށި
- ރ. އިފުރު އެއާޕޯޓް
- ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަކީ ގައުމީ އެއާލައިން މޯލްޑިވިއަން ވެސް ހިންގާ ކުންފުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!