ކޯވިޑް ހާލަތު ގޯސްވުމުގެ ސަބަބުން ޓެކާސްއިން ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ހދ އަތޮޅުގެ މެޗުތައް ފެށުން ލަސްކޮށްފިއެވެ.

ޓެކާސް އިން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށި ސިޓީގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި މެޗުތައް ލަސްކޮށްލާފައި މިވަނީ އެ އަތޮޅުގައި ކޯވިޑް ކޭސްތައް އިތުރުވެ އެ ސަރަހައްދުގެ ރަށްތަކުގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީއެވެ.

Ad
rt

މިމެޗްތައް ފެށޭނެ ކަމަށް ޓެކާސްއިން ލަފާކޮށްފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

ޓެކާސްގެ މިމުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދާނީ ހއ އަތޮޅުން ފަށައިގެން އަތޮޅު ތަރުތީބުންނެވެ. ހދ. އަތޮޅުގެ މެޗްތައް ނުފެށި ލަސްވި ކަމުގައި ވިޔަސް ށ އަތޮޅުގެ މެޗްތައް ކުރިންވެސް ތާވާލު ކޮށްފައިވާ ތާރީހުގައި ކުރިއަށް ދާނެ ކަމަށް ޓެކާސް އިން ވަނީ ބުނެފައެވެ. މިމެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ށ. ނަރުދޫގައެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރުމަށް ހަމަޖެހިފައި ވަނީ ފޯކައިދޫ އަދި ނަރުދޫއެވެ.

މި މުބާރާތުގައި ޒޯންތައް ބެހިފައިވާ ގޮތަކީ:

  • ޒޯން 1: ހއ، ހދ، ށ، ނ
  • ޒޯން 2: ރ، ބ، ޅ، މާލެ (އުތުރު)
  • ޒޯން 3: މާލެ (ދެކުނު)، ވ، އއ، އދ، މ
  • ޒޯން 4: ތ، ލ، ގއ، ގދ، ޏ، ސ/އައްޑޫ

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާ ދޭނެއެވެ.

މި މުބާރާތުގެ ޒޯން ޗެމްޕިއަނުންނާއި އަތޮޅު ޗެމްޕިއަނުންނަށް ވެސް އެވޯޑާ މެޑަލް ލިބޭއިރު އެންމެ މޮޅު ފަސް ކުޅުންތެރިންނާ އެންމެ މޮޅު މެނޭޖަރުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ފަދަ މަގާމުތައް ހޮވާނެކަމަށް ޓެކާސްއިން ވަނީ ބުނެފައެވެ.