މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށް ހޭދަވި ދެ އަހަރުގެ މުއްދަތަށް، ދައުލަތުގެ ބަޖެޓުން ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި، މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަކްކޯޓުން ނިންމައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019 ގައެވެ. އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

Ad
rt

ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތުމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ، ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ އިނާޔަތްތައް ހޯދަން ފިނޭންސް މިނިސްޓްރީގައި އެދިފައެވެ. އެއީ ޖަލު ހުކުމުގެ ކުރިން މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާއައި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާ ހިމެނޭހެން ޖުމްލަ 2.4 މިލިއަން ރުފިޔާއެވެ.

ރައީސް ޔާމީނަށް އެފައިސާ ޖަމާކޮށްދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން މިނިވަންވެޑައިގަތުމާ ގުޅިގެން ސަރުކާރުން ވަނީ އެމަނިކުފާނަށް ލިބެންޖެހޭ ސެކިއުރިޓީ ވެސް ދޭން ފަށައިފަ އެވެ.