އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އެސްޓަން ވިލާއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުނނެވެ.

ޔުނައިޓެޑުން މި މެޗަށް ނުކުމެފައި ވަނީ އަނިޔާގެ ސަބަބުން އެ ޓީމްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ރަޝްފޯޑް ޓީމްގައި ނުހިމަނައެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖަހާފައި ވަނީ ޔުނައިޓެޑުންނެވެ. މިގޮތުން މެޗުގެ 6 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑު ޖަހައި ޔުނައިޓެޑަށް ލީޑު ހޯދައިދީފައެވެ. ބުރޫނޯ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ވިލާގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އުފެއްދި ހަމަލާއަކުންނެވެ. މި ލަނޑު ވިލާ ކޮޅަށް ވަދެފައި ވަނީ އެ ޓީމްގެ ކީޕަރު މާޓިނޭޒްއަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޔުނައިޓެޑުން ޑޮމިނޭޓް ކުރި ނަމަވެސް މެޗު ހާފު މެދަކާއި ހިސާބުން ވިލާއިން ވަނީ މެޗުގެ ކޮންޓްރޯލް އަތުލައި ގޭމް ޑޮމިނޭޓް ކޮށްފައެވެ. ނަމަވެސް ވިލާއަށް ލަނޑެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް އެ ޓީމްގެ މޯގަން ސެންސަންއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބްރޫނޯ ފެނާންޑޭޒް ވަނީ މެޗުގެ 67 ވަނަ މިނެޓުގައި ލަނޑުޖަހައި ޔުނައިޓެޑަށް ދެ ލަނޑުގެ ލީޑެއް ހޯދައި ދީފައެވެ.

ދެ ލަނޑުން ފަހަތުގައި އޮތް ނަމަވެސް ވިލާގެ ކުޅުމަކަށް ބަދަލެއް އައިސްފައި ނުވެއެވެ. ވިލާގެ ކޯޗްގެ މަޤާމުގައި މިވަގުތު ހުރި ސްޓީވެން ޖެރާޑް ވަނީ 68 ވަނަ މިނެޓުގައި ދާދި ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމާއި ގުޅުނު ކޯޓީނިއޯ ކުޅެން އަރުވާފައެވެ.

ވިލާއިން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 77 ވަނަ މިނެޓުގައި ރަމްސޭ ކާމިޔާބު ކޮށްފައި ވަނީ ކޯޓީނީއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. އެއަށްފަހު 81 ވަނަ މިނެޓުގައި ރަމްސޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކޯޓީނިއޯ ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ނަތީޖާއާއިއެކު ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތް ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 20 މެޗުން 32 ޕޮއިންޓެވެ. އެސްޓަން ވިލާ މިވަގުތު ޕޮއިންޓް ތާވަލުގެ 13 ވަނާގައި އޮތީ 20 މެޗުން ލިބުނު 23 ޕޮއިންޓާއި އެކުގައެވެ.