ޖަރުމަނު ލީގުގައި ހުކުރު ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ފްރެއިބާގް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޑޯޓްމަންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ވެސް ނިންމާލާފައި ވަނީ ތިން ލަނޑުގެ ލީޑަކާއި އެކުގައެވެ. ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ތޯމަސް މޮނިއޭ ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ތޯމަސް މޮނިއޭއެވެ. މި ދެ ލަނޑު ޖެހުމަށް ވެސް އެސިސްޓް ކޮށްދީފައި ވަނީ ހޫލިއަން ބްރަންޑްޓެވެ.
ޑޯޓްމަންޑުން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ހާލަންޑެވެ. ހާލަންޑް މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ޖޫޑޭ ބެލިންގހަމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
މެޗުގައި ފްރެއިބާގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑެމިރޮވިޗެވެ. ޑޯޓްމަންޑުގެ ހަތަރުވަނަ ލަނޑު 75 ވަނަ މިނެޓުގައި މުޙައްމަދު ދާއޫދު ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ހާލަންޑް ކާމިޔާބު ކޮށްދީފައިވާއިރު، މިއީ ހާލަންޑް ޖަރުމަނު ލީގުގައި ކުޅުނު 56 މެޗުގައި ޖެހި 55 ވަނަ ލަނޑެވެ. ހާލަންޑް މިހާތަނަށް ޑޯޓްމަންޑަށް ކުޅެދިން 77 މެޗުގައި އޭނާ ވަނީ ޖުމްލަ 78 ލަނޑު ޖަހާފައެވެ. މެޗުގައި ޑޯޓްމަންޑުން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮސް ކާމިޔާބު ކޮށްދީފައި ވަނީ މުޙައްމަދު ދާއޫދެވެ.
މި މޮޅާއިއެކު ޑޯޓްމަންޑުން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބަޔާން މިޔުނިކާއި ތިން ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. ބަޔާންއަށް 18 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ޑޯޓްމަންޑަށް ލިބިފައިވަނީ 19 މެޗުން 40 ޕޮއިންޓެވެ. މެޗުން ބަލިވި ފްރެއިބާގް މިވަގުތު އޮތީ ކުޅުނު 19 މެޗުން ލިބުނު 30 ޕޮއިންޓާއިއެކު ތާވަލުގެ ހަތަރުވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!