ނޯތު ކޮރެއާގެ ހެކަރުން 400 މިލިއަނެއްހާ ކްރިޕްޓޯ ކަރަންސީ ވަގަށް ނެގި

99845868-7096-4062-9996-D30B4295525E

ކްރިޕްޓޯ ކަރަންސީއަކީ މިހާރު ދުނިޔޭގައި އެންމެ މަގުބޫލު ޑިޖިޓަލް ފައިސާއެވެ. ތަފާތު ކްރިޕްޓޯ ކަރަންސީތައް ހުރިއިރު މީގެ ތެރެއިން އެންމެ އަގު ބޮޑީ ބިޓްކޮއިންއާއި އެތީރިއަމްގެއެވެ. ކްރިޕްޓޯއަކީ ޑިޖިޓަލް ފައިސާއަކަށްވުމުން އޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދަތިކަމެކެވެ.

އިންޓަނެޓްގެ ޒަރީއާއިން ވައްކަން ކުރުމަކީ ވަރަށް އާއްމުކަމެކެވެ. ޑޭޓާ އާއި މީހުންގެ ޒާތީ މައުލޫމާތުވެސް ވަގަށް ނަގައެވެ. ނޯތު ކޮރެއާއިން އެކަނިވެސް މިދިޔަ އަހަރު 395 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަނީ ވަގަށް ނަގާފައެވެ. މިއީ ހުސް ހެކް ކޮށްގެން ވަގަށް ނަގާފައިވާ ފައިސާއެވެ.

ކޮންމެ އަހަރަކު ވެސް ނޯތު ކޮރެއާގެ ހެކަރުން ބޮޑު އަދަދުތަކުން ކްރިޕްޓޯގެ ވައްކަން ކުރެއެވެ. އެގޮތުން، މިދިޔަ އަހަރު ނެގި 395 މިލިއަން ކްރިޕްޓޯއާއެކު ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ގައުމުން ވަނީ 1.5 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގާފައެވެ.

ކްރިޕްޓޯ ވަގަށް ނަގަނީ ނޯތު ކޮރެއާގެ ވެރިޔާ ކިމްގް ޖޮން އުންގެ ސަރުކާރުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އޭނާގެ ސަރުކާރަކީ އަމިއްލައަށް ފަންޑުކޮށްގެން ހަތިޔާރު ޕްރޮގްރާމްތައް ހިންގާ ސަރުކާރަކަށްވާތީ އެކަމަށް ފަންޑު ކުރަން ކްރިޕްޓޯގެ ވަގު ވިޔަފާރި ކުރަނީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ބްލޮކް ޗެއިން އެނަލިސިސް ފާމެއް ކަމަށްވާ ޗެއިނަލިސިސް އިން އަންނަނީ ނޯތު ކޮރެއާގެ ހެކަރުންގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ.

ކްރިޕްޓޯ ކަރަންސީގެ އަގު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނައިރު ވަގުންގެ ލޯތައް ވެސް މި ފައިސާއަށް ވަނީ އަމާޒުވެފައެވެ. ފާއިތުވި އަހަރު ބިޓްކޮއިންގެ އަގު 60 އިންސައްތައަށް އިތުރުވިއިރު އެތީރިއަމްގެ އަގު ވަނީ 80 އިންސައްތައަށް އިތުރުވެފައެވެ. ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ކްރިޕްޓޯއަކީ ވިޔަފާރީގެ މުއާމަލާތް ކުރެވޭ ސައްހަ ފައިސާއެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅާފައެވެ.

ގިނަ ބަޔަކު ކްރިޕްޓޯއަކީ ކުރިމަގު ކަމަށް ދެކުނު ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި ކްރިޕްޓޯއަކީ ރައްކާތެރި އެއްޗެއް ނޫނެވެ. ފަސޭހައި ވަގަށް ނެގޭ، އަދި މައިން ކޮށްފައި ހުންނަ ފައިސާ ވެސް ޕާސްވޯޑު ހަދާން ނެތިއްޖެނަމަ ގެއްލިގެންދިއުމަކީ ރައްކާތެރި ކަން ދަށްވުން ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *