ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އަދާލަތު ޕާޓީ (އޭޕީ) އިން ތާއީދު ކުރާ ކެންޑިޑޭޓެއް އަންނަ ހަފުތާގައި ޢިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިގޮތުން، އޭޕީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެ ޕާޓީން ކެންޑިޑޭޓެއް ނެރެފައި ނުވިނަމަވެސް ކޮމަންޑޫ ދާއިރާއަކީ އެ ޕާޓީގެ މެންބަރުން އެކަށީގެންވާ ވަރަކަށް ތިބި ދާއިރާއެއް ކަމަށެވެ.

Ad
rt

އެހެންކަމުން އެ އިންތިޚާބުގައި އޭޕީން ތާއީދު ކުރާނެ ކެންޑިޑޭޓެއް ނިންމައި، އަންނަ ހަފުތާގައި ޢިއުލާން ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އޭޕީން ތާއީދު ކުރާ ކެންޑިޑޭޓެއް އަންނަ ހަފުތާގައި ޢިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެފައިވާއިރު، އޭޕީއަކީ ވެރިކަންކުރާ ކޯލިޝަންގެ ބައިވެރިއެކެވެ. އެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ދަނީ އެ އިންތިޚާބުގައި ވާދަ ކުރަމުންނެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީން މިހާތަނަށް ތާއީދުކުރާނެ ކެންޑިޑޭޓެއް ރަސްމީކޮށް ޢިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ޖޭޕީގެ ސްލޮޓެއްގައި ފަތުރުވެރިކަމުގެ ވުޒާރާއާއި ހަވާލުވެ ހުންނެވި ވަޒީރު، ޑރ. މައުސޫމް ވަނީ އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށް ތާއީދު ކުރަށްވާކަން ހާމަކުރަށްވާފައެވެ. އަދި އެ ޕާޓީގެ ބައެއް އެކްޓިވްވިސްޓުން ވެސް ދަނީ މީސް މީޑިއާގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ވެސް އަދި ވަކި ކެންޑިޑޭޓެއް ޚިޔާރު ކުރިކަން ހާމަކޮށްފައެއް ނުވެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

އެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރާޝިދުގެ އިތުރުން ވާދަކުރަނީ، ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމް ފުރުއްވި، ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމާއި އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބުދުލް ހައްނާން އިދުރީސް އެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.