ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވާ ގޮތުގައި، ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރަށްވާފައި ވަނީ، ރާއްޖޭގައި މި ދުވަސްވަރު ކޯވިޑް-19 ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީއެވެ.

Ad
rt

ވަޒީރުންގެ މަޖިލީހުގެ މި ބައްދަލުވުމުގައި ކޯވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ކޯވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އަދި މީގެ އިތުރުން ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސެވުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރަށްވާފައެވެ.

ވަޒީރުންގެ މަޖިލީހުގައި މިއަދު ރާއްޖޭގެ ކޯވިޑްގެ ހާލަތާމެދު މަޝްވަރާ ހިންގިއިރު، ރާއްޖޭ މިވަގުތު ކޯވިޑްގެ އާ ރާޅެއްގެ ތެރޭގައި އޮތްކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާރު ކޯވިޑްގެ އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާ ކަމަށާއި، މާލެ ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުން ވޭރިއަންޓްގެ ރާޅު އަންނާނެކަމަށް އެ ސެންޓަރުން މިއަދު ހާމަ ކުރެއްވިއެވެ.

އަދި މި ރާޅުގައި ކުރިން ޑެލްޓާ ވޭރިއަންޓްގައި އައި ރާޅަށްވުރެ، އެތައް ގުނައެއް ކޭސްތައް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ވެސް ވިދާޅުވިއެވެ.