ރާއްޖެއަށް ކޯވިޑް-19ގެ އާ ރާޅެއް އައިސްފައިވާއިރު ކުރިން ފެތުރެމުން ދިޔަ ޑެލްޓާ ވޭރިއަންޓަށްވުރެ، މިފަހަރު ފެތުރޭ އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ލަފާކުރައްވައިފިއެވެ.
އެޗްއީއޯސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވަނީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ގިނަވަމުންދާކަން ފާހަގަކުރައްވައި، އަދި ހާއްސަކޮށް މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވަމުންދާ މިންވަރު މަތިވެފައިވާކަން ފާހަގަ ކުރަށްވާފައެވެ.
ވޭތުވެދިޔަ ތިން ހަފުތާގައި، މި ހިނގާ ހަފުތާ ހިމެނޭހެން ހަފުތާއަކު ފެންނަ ކޭސްތަކުގެ އަދަދު ވަނީ ހާހުން މައްޗަށް ގޮސްފައިކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އޭނާ ވަނީ ރާއްޖޭގައި އޮމިކްރޯން ފެތުރެމުންދާކަން ކަށަވަރުވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި އިއްޔެ ވެސް އޮމިކްރޯންގެ 7 ކޭސް ފެނިފައިވާކަމަށާއި، އޭގެ ކުރީ ހަފްތާގައި 1 ކޭސް ފެނިފައިވާކަމަށް ވިދާޅުވިއެވެ. އޭގެ މާނައަކީ އިތުރު ކޭސްތައް އުޅެމުންދާނެކަން ކަމަށް ވެސް ވިދާޅުވިއެވެ.
މި ވޭރިއަންޓް ފެތުރޭ ގައުމުތަކުގައި މި ވޭރިއަންޓް ވަރަށް ހަލުވިކޮށް ފެތުރެމުންދާ ކަމަށާއި، ކޭސްތައް ޑަބަލްވާ ނިސްބަތްވެސް މަތި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކޮންމެސް ވަރަކަށް ޑެލްޓާ އަދި އޮމިކްރޯން އުޅުނުކަމަށް ވިޔަސް ކުރިއަށް އޮތްތަނުގައި ޑެލްޓާއަށް ވުރެ އޮމިކްރޯން ގިނަވާނެ ކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިދިޔަ ޑެލްޓާ ރާޅުގައި ކޭސްތައް ގިނައިން ފެނުނީ މާލެ ސަރަހައްދުން ކަމަށެވެ. ނަމަވެސް މިފަހަރު އޭގެބަދަލުގައި މުޅިރާއްޖެއިން ކޭސްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވިދާޅުވިއެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުން މި ވޭރިއަންޓްގެ ރާޅު އަންނާނެކަމަށާއި، އަދި މި ރާޅުގައި ކުރިން ޑެލްޓާ ވޭރިއަންޓްގައި އައި ރާޅަށްވުރެ، އެތައް ގުނައެއް ކޭސްތައް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިރިއުޅުން، އިގްތިސާދު އަދި ކުދިންގެ ކިޔެވުންފަދަ ކަންކަމަށް ބުރޫނާރާވަރަށް ފިޔަވަޅުތައް އެޅޭތޯ މަސައްކަތްކުރަށްވާ ކަމަށެވެ. އެހެންނަމަވެސް ހޮސްޕިޓަލްގައި މީހުން އެޑްމިޓްކުރާ އަދަދާއި އަންނަ ބަދަލުތަކަށް ބެލުމަށްފަހު، ކޮންމެ ހަފުތާއަކު ނޫނީ އެއަށްވުރެ އަވަހަށް ފިޔަވަޅުތައް ރިވިއުކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!