ޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

ރާއްޖޭގައި ތިބި ކަމަށް ބުނާ، އަވަށްޓެރި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން އިސްވެ އަންނަނީ ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ. މިހާރު މުޅި ރާއްޖެއަށް ވެސް ފުޅާކޮށްފައިވާ މި ހަރަކާތުގެ އެއްވުންތައް ވެރިރަށް މާލޭގައި ވެސް ދަނީ ބާއްވަމުންނެވެ.

Ad
rt

މިގޮތުން އިއްޔެ ހަވީރު ވެސް ވަނީ އިދިކޮޅު ކޯލިޝަންގެ އޮފީސް ކުރިމަތީ އެއްވުން ބާއްވާފައެވެ. އެ އެއްވުމުގެ ތެރެއިން 29 މީހުން ހައްޔަރުކުރިއެވެ.

މި އެންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ. އަދި ބާކީ މީހާއަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ އިތުރުން، ފުލުހުންނަށް ހަމަލާދީ، މާރާމާރީ ހިންގައި، ފުލުހުންގެ ވެހިކަލަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ މިއަދު ވިދާޅުވީ އޭގެ ތެރެއިން ދެ މީހެއް ފިޔަވައި އެހެން އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮރަޕްޝަނުގެ ތުހުމަތުން ސަލާމަތްވެ މިނިވަން ވުމާއިއެކު، އިދިކޮޅު ކޯލިޝަނުން އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލައި ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މި ހަރަކާތްތަކުގައި އެ މަނިކުފާނު ވެސް އަންނަނީ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.