ދޮންބަންޑާރައިން: ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއް!

dhon bandhaarain

ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ.

1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.

ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިންމަހާއި ވިހިދުވަސްވީތަނާ މުލީގޭ ޙަސަން މަނިކުފާނު (ދޮންބަންޑާރައިން) ނާއި އޭނާގެ ހަތަރު އެކުވެރީންނާއި މިބައިމީހުންނަށް ތަބަޢުވީ މީހުންގެ ތެރެއިން ހިތްވަރުގަަދަ ދުއިސައްތައެއްހާ މީހުން ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ. އަދި 1166 ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭގެ މެންދަމު ނުވަ ފުޅީގެ ވަގުތެއްގައި، މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރެއްވިއެވެ.

ހިޖުރައިން 981 ވަނަ އަހަރު ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިތާ 185 އަހަރު ފަހުން، މަލާބާރީންގެ (ހޮޅީންގެ) ލަޝްކަރެއް މިރާއްޖެ އައިސް، 13 ޞަފަރު 1166 (20 ޑިސެންބަރު 1752) ގައި އޭރު ތަޚުތުގައި އިންނެވި ރަދުން އައްސުލްޠާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަންނޫރަށް ގެންގޮސް، މާލޭގައި އެބައިމީހުންގެ ވެރިކަން ޤާއިމު ކުރިއެވެ. މިކަން ހިނގުމަށް ދިމާވީ ޤައުމަށް ޚިޔާނަތްތެރިވި ދެ ދިވެހީން އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުން ކަމުގައިވާ އެއިރު މާލޭގައި ހުންނެވި ފަނޑިޔާރު ކަލޭގެފާނު މުޙައްމަދު ޝަމްސުއްދީނާއި، އޭނާގެ އެއްބަނޑުއެއްބަފާ، ޚަޠީބު އަޙްމަދު މުޙްޔިއްދީނު، ކަންނަންނޫރަށް ސިޓީއެއް ފޮނުއްވައި، އަލީރާޖާއަށް ދިވެހިރާއްޖޭގެ ވެރިކަން ހޯއްދަވައިދެއްވަން ވިދާޅުވެގެންނެވެ.

މާލެ ހިފުމަށް ނަވަކާއި، ބޭރުދަތުރުކުރާ ދެއޮޑިއަށް ހަނގުރާމައިގެ ތަކެއްޗާއި، މަލާބާރީންގެ މީހުން ލާފައި އަލީރާޖާ ފޮނުއްވީމައި އެމީހުން އައިސް ޞަފަރުމަހުގެ 13 ވިލޭރޭ މެންދަމުން އަލިވެ 3 ޖެހިއިރު މާލޭގެ ކަނޑިންމާ ތަޅުނުލާ ހުއްޓާ ބަނދަރަށްވަނީ އެވެ. މާލޭގެ އެންމެން އޭރުތިބީ ނިދާފައެވެ. ރަސްކަމުގެ ކޮއިލުތެރެ ބަލަހައްޓާ މީހުންވެސް ތިބީ ނިދާފައެވެ. އެވަގުތު މަލާބާރީންގެ މީހުން ކޮއިލުތެރެއަށްވަދެ އެތާނގައި ތިބި މީހުން މަރާ ބަޑިޖަހާ ހެދުމުން ދުޝްމަނުންނާ ދުރަށް ވަޑައިގަތުމަށްޓަކައި ރަދުން އެމަނިކުފާނުގެ މާފަންނު ގަނޑުވަރަށް ވަޑައިގަތެވެ. ވަޒީރުންނާއި، ލަސްކަރީންގެ މީހުން ފޮނުއްވައިގެން މަލާބާރީން ގަނޑުވަރު ތެރޭން ނެރުއްވުމުން، ނާބަތުޚާނާގައި އެމީހުން ރޯކޮށްލިއެވެ.

މިހުޅުގަނޑުގައި އެތެރެ ކޮއިލުގައިހުރި ހުރިހާ ގެތަކާއި، ދޮރާށިތަކާއި، އަދި ފުރަމާލޭގެ ދެބައިކުޅައެއްބައި ގެތައް އަނދައިގެން ދިޔައެވެ. ދެން ރަސްގެފާނު ޞުލްޙައަށް އެދިވަޑައިގަތެވެ. ނަމަވެސް މަލާބާރީން ދެންނެވީ ޚުދު ރަދުން އެމީހުންގެ ގާތަށް ވަޑައިގަތުމުން ނޫނީ އަމާން ނުދޭނެކަމަށެވެ. އެމީހުންނާއި ބައްދަލު ކުރައްވަން ރަދުން ވަޑައިގަތުމުން، ރަދުންނާއި، ރަދުންގެ ވަލީއަޙުދު މުޙައްމަދު މަނިކުފާނު ހައްޔަރުކޮށްގެން ގެންގޮސް އެމީހުންގެ އޮޑިއަށް ލިއެވެ. މިހިސާބުން މަލާބާރީންގެ އަނިޔާވެރިކަން ރާއްޖޭގައި ފެށުނީމެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެމީހުންނަށް މާލެ ހިފުމުގައި އެހީވެދެއްވި ޤާޟީ މުޙައްމަދު ޝަމްސުއްދީނާއި، އަޙްމަދު މުޙުޔިއްދީން ޚަޠީބު މަނިކުފާނާއި މި ދެބޭފުޅުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި އެބޭފުޅުން ކަނޑުފައްތައި ޤަތުލުކުރީ ކަމަށް ބުނެވެއެވެ. އެމީހުން ބުނިކަމަށްވަނީ، އުފަން ޤައުމަށް ޣައްދާރުވި ބަޔަކު އެމީހުންނަށް ވަފާތެރިނުވާނެ ކަމަށެވެ.

އަދި މީގެފަހުން 1166ހ. (1753މ،)، 1167ހ. (1753މ.)، 1168ހ. (1755މ.) އަދި 1174ހ. (1761މ.) ގައި ވެސް ކަންނަންނޫރުގެ ޢަލީރާޖާ ހަނގުރާމަވެރި އުޅަނދުތައް ފޮނުއްވައިފައިވެއެވެ. މިފަދަ ކޮންމެ ފަހަރަކުވެސް ދޮންބަންޑާރައިންވަނީ ލަޝްކަރުތަކާއި ހަނގުރާމަކުރައްވައި ދުޝްމިނުން ބަލިކުރައްވައިފައެވެ.

ހުރަވީ ދުވަސް ނިޞްބަތްވާ ބަޠަލަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1 ވަނަ) އަށެވެ. އެބަޠަލު ގެނެސްދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުން މިދުވަހަށް ހުރަވީ ދުވަސް ކިޔުއްވާފައިވަނީި އެމަނިކުފާނަކީ މާލެއަތޮޅު ހުރަޔަށް ނިޞްބަތްވާ ބޭފުޅަކަށްވާތީއެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީންގެ ކޮލީ ނަންފުޅަކީ ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެމަނިކުފަނުގެ ބައްޕާފުޅަކީ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނެވެ. މަންމާފުޅަކީ މުލަކަތޮޅު މުލީ ޚަޠީބު މުޙައްމަދުގެ ކުޑަ އާމިނާފާނެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ރަސްކަންކުރެއްވީ 7 އަހަރު ދުވަހު އެވެ. އެއީ ހިޖުރައިން 1173 ވަނައަހަރުން 1180 ވަނަ އަހަރާއި ހަމައަށެވެ. މީލާދީ ގޮތުން އެއީ 1759 ން 1767 އަށެވެ. އެމަނިކުފާނަށް ޖުމްލަ 5 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ 3 ފިރިހެން ބޭފުޅުންނާއި، 2 އަންހެން ބޭފުޅުންނެވެ.

ދޮންބަންޑާރައިންނަކީ ވަރަށް އަޚުލާޤު ރަނގަޅު ހިތްޕުޅު ހެޔޮ ރައްޔިތުންނަށް ކަމޭހިއްތެވި ވެރިއެއްކަން ތާރިޚުން އެނގެން އެބައޮތެވެ. އެގޮތުން އެމަނިކުފާނު ރަސްކަމަށް އިސްވެ ވަޑައިގަތުމުގައި އަމަލުކުރެއްވި ގޮތް އެއީ މީގެ އެއްމިސާލެވެ. ހޮޅީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައިރު ރައްޖޭގެ ތަޚުތުގައި އިންނެވީ އައްސުލްޠާނު މުކައްރަމް މުޙަންމަދު ޢިމާދުއްދީނެވެ.

އެހެންނަމަވެސް ހޮޅީންވަނީ އެ ރަދުންނާއި ދައުލަތުގެ ބައެއް އިސް ބޭފުޅުން ރާއްޖެއިން ގެންގޮސްފައެވެ. ދޮންބަންޑާރައިން ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވައި ދިވެހިޤައުމު މިނިވަން ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ރާއްޖޭގެ ވަލީ ނުވަތަ ރަސްކަން ޙައްޤުވެއްޖެކަމަށް ދިވެހިން ޤަބޫލުކުރިއެވެ. އަދި ވެރިކަން ޤަބޫލުފުޅު ކުރެއްވުމަށް ދިވެހިން އެމަނިކުފާނުގެ ކިބައިން އެދުމުން އެކަން ގަބޫލުފުޅު ނުކުރައްވައި ޤައުމު ހިންގެވުމާ (ވަގުތީގޮތުން) ޙަވާލުވެ ހުންނެވިއެވެ. މިއީ އެމަނިކުފާނަކީ ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. އެމަނިކުފާނުގެ ރަސްކަން ވެގެންދިޔައީ ރާއްޖޭގެ ރައްޔިތުންނަށް ފާގަތި އަމާން ދުވަސްވަރަކަށެވެ.

އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން އަވަހާރަވީ 2 ރަމަޟާން 1180 (1 ފެބްރުވަރީ 1767) ގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.