ކްއޯނީ ފްރާންސްއާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކެމްޕޭނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ކެމްޕެއިން ކުރިއަށް ދާނީ 06 ޖެނުވަރީ 2022 އިން 06 ފެބްރުއަރީ 2022 އަށެވެ.

Ad
rt

އެގޮތުން މި ކެމްޕެއިނަކީ ފްރާންސް އަދި ރާއްޖޭގެ އިޝްތިހާރުތައް ކުރުމަށް އެމްއެމްޕީއާރުސީއިން ފްރާންސް މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެއް ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. އަދި މިހަރަކާތުގެ ދަށުން ރާއްޖޭގެ މައުލޫމާތު ހިމެނޭ އިޝްތިހާރުތަކާއި، ފޮޓޯތަކުގެ އިތުރުން ފްރާންސް ލޮކޭޝަންތަކާއި އިޝްތިހާރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފްރާންސްގެ ފަތުރުވެރިންނާއި ހިއްސާ ކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި ސާރޗް، ޑިސްކަވަރީ، ގޫގަލް އެޑްސް، ނިއުސްލެޓަރ ފަދަ ޕްލެޓްފޯމްތައް ވެސް ހިމެނިގެންދާނެއެވެ.

މީގެ އިތުރުން ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގައުމެއް ކަމުން ކޮވިޑްގެ ބަލިމަޑުކަމާއިއެކުވެސް ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ރައްކާތެރި މަންޒިލަކީ ރާއްޖެ ކަމާއި ރާއްޖޭގެ ރިސޯޓްތައް އަދި ގެސްޓް ހައުސްތަކުގައި މި ބަލިމަޑުކަމާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ފަތުރުވެރިންނަށް މައުލޫމާތު ދެވިގެންދާނެއެވެ.

އެމްއެމްޕީއާރުސީއިން ބުނެފައިވާ ގޮތުގައި މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖެއަކީ ފްރާންސް މާކެޓްގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި މި ކެމްޕޭނުގެ ސަބަބުން ފްރާންސް މާކެޓުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤުބޫލުކަން އިތުރުވެ، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ކުއޯނީ ފްރާންސް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރާ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީއެވެ. އަދި މި އެޖެންސީއިން ދުނިޔޭގެ 100 އަށްވުރެ ގިނަ މަންޒިލްތައް އިޝްތިހާރުކޮށް، އެ މަންޒިލްތަކުގެ ޕެކޭޖުތައް ދަނީ ވިއްކަމުންނެވެ.