ޕީއެމްއާއި ޕީއެންސީން މިއަދު ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވެފައި ވަނީ ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިންގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މީހުންގެ ތެރޭގައި ހިމެނެނީ 9 އަންހެނުންނާއި 2 ފިރިހެނުން ކަމަށެވެ. އެ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވިދާޅުވެފައިވެއެވެ.
ޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮރަޕްޝަނުގެ ތުހުމަތުން ސަލާމަތްވެ މިނިވަން ވުމާއިއެކު، އިދިކޮޅު ކޯލިޝަނުން އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑުއުފުލައި ހަރަކާތްތައް ހިންގާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މި ހަރަކާތްތަކުގައި އެ މަނިކުފާނު ވެސް އަންނަނީ އަމަލީގޮތުން ބައިވެރިވަމުންނެވެ.
އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އަޑު އުފުލުމުގެ ހަރަކާތްތައް ހަމައެކަނި ކުރިއަށް ދަނީ ވެރިރަށް މާލެއަކުނޫނެވެ. އެކި ދުވަސްތަކުގެ މަތީން ރާއްޖޭގެ އެކިއެކި ރަށްރަށުގައި ވެސް މި ހަރަކާތް އިދިކޮޅު ކޯލިޝަނުން ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!