އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ.

ކޯވިޑްގެ ސަބަބުން ލިވަޕޫލުގެ މުހިންމު ބައެއް ކުޅުންތެރިން މި މެޗުގައި ކުޅެފައި ނުވެއެވެ. ކޯވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން އެ ޓީމްގެ ކީޕަރ އެލިސަން ބެކާއާއި މަޓިޕްގެ އިތުރުން ފިރްމީނޯ ވެސް ހުރީ ކަރަންޓީނުގައެވެ. މީގެއިތުރުން ލިވަޕޫލްގެ ކޯޗު ވެސް މިވަގުތު ހުރީ ކަރަނޓީނުގައެވެ. ވުމާއިއެކު މި މެޗުގައި ލިވަޕޫލަށް އިރުޝާދު ދީފައި ވަނީ އެ ޓީމްގެ އެސިސްޓެންޓް ކޯޗެވެ.

Ad
rt

މި މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑު ވެސް ފެނިފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 9 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ސަޑިއޯ މާނޭއެވެ. އެއަށްފަހު 26 ވަނަ މިނެޓުގައި އާނޯލްޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާހް ވަނީ ލަނޑު ޖަހައި މެޗުގައި އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ހޯދައި ދީފައެވެ.

ޗެލްސީން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 42 ވަނަ މިނެޓުގައި ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ މަޓެއޯ ކޮވެސިޗެވެ. އެއަށްފަހު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކަންޓޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލަނޑު ޖަހައި ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ ޕްލިސިޗެވެ.

މި މެޗު އެއްވަރު ވުމާއިއެކު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނީ މިވަގުތު އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށެވެ. ދެވަނާގައި އޮތް ޗެލްސީއަށާއި ތިންވަނާގައި އޮތް ލިވަޕޫލަށް މި މެޗުން ޕޮއިންޓް ގެއްލުމާއިއެކު ސިޓީއަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ވަނީ 10 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.

ސިޓީ އެއްވަނާގައި އޮތީ 21 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ 21 މެޗުން 43 ޕޮއިންޓް ހޯދާފައިވާއިރު ލިވަޕޫލް ތިންވަނާގައި އޮތީ 20 މެޗުން ލިބުނު 42 ޕޮއިންޓާއި އެކުގައެވެ.