ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ މަޔޯކާއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މަޔޯކާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ކޯވިޑް-19 ގެ ސަބަބުން މި މެޗަށް ބާސާއިން ނުކުމެފައި ވަނީ އެ ޓީމްގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ނުހިމަނައެވެ. މިވަގުތު އެ ޓީމްގެ ޖޯޑީ އަލާބާ، ގަވީ، ޑެމްބެލޭ އަދި ޑެސްޓް ފަދަ ކުޅުންތެރިން ތިބީ ކޯވިޑްގެ ސަބަބުން ކަރަންޓީން ކުރެވިފައެވެ. މީގެ އިތުރުން މަޔޯކާގެ ބައެއް ކުޅުންތެރިން ވެސް މިވަގުތު ތިބީ ކޯވިޑްގެ ސަބަބުން ކަރަންޓީންގައެވެ.

Ad
rt

ކޯވިޑްގެ ސަބަބުން ބާސާއިން މި މެޗު ފަސް ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ. ނަމަވެސް ސްޕެނިޝް ލީގުން ވަނީ އުސޫލުގެ ތެރެއިން މި މެޗު ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.

މުޅި މެޗު ބާސާއިން ކޮންޓްރޯލް ކުރިއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުޞަތު ތަކެއް ވެސް ފަހި ކޮށްފައެވެ. މިގޮތުން ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި މަޔޯކާގެ އޭރިއާ ތެރޭގައި ހުރެ ބާސާގެ ފޯވާޑް ލުކް ޑި ޖޮން ފޮނުވާލު ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ އެއް މިނެޓް ފަހުން ޑި ޖޮންގެ ހިތްގައިމު ވޮލީއެއް ފެނިގެންދިޔަ އިރު، އެ ބާރު ބޯޅަ ވެސް އަމާޒުވެފައި ވަނީ މަޔޯކާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމްގެ މިންގުއޭޒާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޑި ޖޮންއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި މަޔޯކާގެ ޖައުމޭ ކޮސްޓާއަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ބާސާގެ އޭރިއާގެ ތެރެއަށް ހުރަސްވީ ބޯޅަ ކޮސްޓާ އެއްފަހަރުން ފޮނުވާލި ނަމަވެސް ބާސާގެ ކީޕަރު ވަނީ އެ ހަމަލާ ދިފާއު ކޮށްފައެވެ.

މި ނަތީޖާއާއިއެކު ބާސާއިން ވަނީ ޕޮއިންޓް ތާވަލުގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައި ވަނީ 19 މެޗުން 31 ޕޮއިންޓެވެ. މި މެޗުން ބަލިވި މަޔޯކާ މިވަގުތު އޮތީ ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.