ސްޕެނިޝް ލަލީގާގެ އެއްވަނާގައި މި ވަގުތު އޮތް ރެއާލް މެޑްރިޑް ފާއިތުވި އަހަރު ރަނގަޅު ފޯމެއްގައި އޮވެ ނިންމާލި ނަމަވެސް މި އަހަރު އެ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ގެޓާފޭއާއި ބައްދަލުކޮށް ރެއާލް ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 9 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރ މިލިއާޓޯއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކާމިޔާބު ކޮށްދީފައި ވަނީ ގެޓާފޭގެ ފޯވާޑް ކުޅުންތެރިޔާ އެނެސް އުނަލްއެވެ. ގެޓާފޭއިން މި ލަނޑު ޖެހިތާ ކުޑަ އިރުކޮޅެއް ފަހުން ވެސް އެ ޓީމަށް ވަނީ ލަނޑު ޖަހައި ލީޑު ފުޅާކުރާނެ ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

Ad
rt

ބައިކޮޅަށް ވަތް ލަނޑަށްފަހު މުޅި މެޗު ރެއާލުން ޑޮމިނޭޓް ކުރި ނަމަވެސް ގެޓާފޭއިން ވަނީ ރެއާލް ހުއްޓުވުމުގައި މޮޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ. މުޅި މެޗުގައި ވެސް ރެއާލަށް ލަނޑު ޖަހާނެ މަދު ފުރުޞަތެއް ހޯދުނުއިރު، އެންމެ ފާހަގަ ކޮށްލެވޭ ހަމަލާއެއް ފޮނުވާލާފައި ވަނީ ރެއާލްގެ މިޑްފީލްޑަރ މޮޑްރިޗެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގެޓާފޭގެ ގޯލުގެ ދަނޑިއަށެވެ.

އެންމެ ފަހުން ރެއާލް އަތުން ގެޓާފޭއަށް މޮޅުވެވިފައި ވަނީ 2012 ވަނަ އަހަރުއެވެ. މި މޮޅަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ގެޓާފޭއަށް ރެއާލު އަތުން ލިބުނު ފުރަތަމަ މޮޅެވެ.

މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލަށް ލީޑު ފުޅާ ކުރުމުގެ ފުރުޞަތު އޮތް ނަމަވެސް، މެޗުން ބަލިވުމާއިއެކު އެ ޓީމް މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާއި އެކުގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައި ވަނީ 46 ޕޮއިންޓެވެ. ދެވަނާގައި ސެވިއްޔާ އޮތީ 38 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް ސެވިއްޔާ ކުޅެފައި ވަނީ 18 މެޗެވެ.