ފަތުރުވެރިކަމުގެދާއިރާގެ މަސައްކަތްތެރިންނަށް ވެކްސީންގެ ބޫސްޓާ ޑޯޒް ދިނުން އަވަސްކުރުމަށާއި ހައްޤުތަށް ރައްކާތެރިކުރުމަށް ޓޫރިޒަމް އެމްޕޮލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައްވައިފިއެވެ.
ޓީމް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުޅި ކޯވިޑުގެ ވަބާގައި އެންމެ ބޮޑު ގުރުބާނީއެއް ވާ ބަޔަކީ ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން ކަމަށެވެ.
އެހެންކަމުން މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓުން ރައްކާތެރިވުމަށްޓަކައި ބޫސްޓަރ ޑޯޒް ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ޖަހައިދިނުން އަވަސް ކުރަން ޖެހޭ ކަމަށް ޓީމުން ބުންޏެވެ.
އެގޮތުން ކޯވިޑްގެ ވަބާއަކީ މުޅިން ފިލައިގެން ނުދާނެ، އެ ބައްޔައްކާއިއެކު އުޅެންޖެހިފައިވާ ބަލިމަޑުކަމެއް ކަމަށް ދޭކޭހިނދު، ކޯވިޑްގެ މި ބަލިމަޑުކަމަކީ މަސައްކަތު މާހައުލަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްކަމަށް ބަލައި ކޯވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެށް ފަރުވާކުޑަ ކުރުމެއް، އޮޅުވާލުމެއްނެތި އެޅުމަށް ސަމާލުވުމަށް އެޖަމްޢިއްޔާގެ ފަރާތުން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
މީގެއިތުރުން ކޯވިޑްގެ މިހާލަތާއި އެކު މަސައްކަތްތެރިންގެ ކަންބޮޑުވުމާއިއެކު ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ ޓުއަރިސްޓް ރިސޯޓުތަކުގައި މުއައްޒަފުން އާންމުކޮށް ތިބެން ޖެހޭ ވަރަށްވުރެ މަދު މުވައްޒަފުން ވަޒީފާގައި ގެންގުޅޭތީ، މަސައްކަތްކުރަން ޖެހޭ ވަގުތު ގިނަވެ ބުރަ ބޮޑުވުމާއި އަދި ކުރާމަސައްކަތަށް އިތުރުވަގުތުގެ ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ކަމަށާއި، މީގެ ސަބަބުން ލިބެން ޖެހޭ ހުސްވަގުތާއި، އޮފް ދުވަސްތަށް ނުލިބި އެތަށް މަހެއް ވަންދެން ރަށަށް ނުދެވި މުއައްޒިފުން ތިބެން ޖެހޭޖެހުމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
އަދި އެފަދަ މައްސަލަތަށް ބަލައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެދޭ ކަމަށްވެސް އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.
ޓީމް އިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފާހަގަ ކުރާ މި ދަނޑިވަޅުގައި އެދައިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްޤުތަށް ކަށަވަރުކޮށް އިޙްތިރާމާއި އެކު ބަލައިގަނެ،ކަނޑައެޅިފައިވާ މިނިމަމް ވޭޖް ތަފާތު ކުރުމެއްނެތި ތަންފީޒު ކުރުމަށާއި، އުޅޭވޭވަރުގެ އުޖޫރައެއް ކަނޑައެޅުމަށް ވެސް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!