ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން ރ. ދުވާފަރުގައި އިތުރު ސޯލާ ޕަވާ ސިސްޓަމެއް ހަރުކޮށްފިއެވެ.
މި ސިސްޓަމް ވެސް ހަރު ކޮށްފައިވަނީ ދުވާފަރުގެ އޮޕަރޭޝަން ސެންޓަރުގައެވެ. މީގެ ކުރިން އެ ސެންޓަރުގައި ހަރުކޮށްފައިވަނީ 48 ކިލޮވޮޓްގެ ސިސްޓަމެކެވެ. ސެންޓަރުގެ އޮޕަރޭޝަންގެ ބޭނުންތަކަށް އިޔާދަ ކުރަނިވި ހަކަތައިން ދަނީ ކަރަންޓު އުފައްދަމުންނެވެ.
އެމްޑަބްލިޔުއެސްސީން އަލަށް ހަރު ކޮށަގައުވާ ވަނީ 35 ކިލޯވޮޓުގެ ސިސްޓަމެކެވެ. މިއީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުންޏެވެޒ
އާ ސިސްޓަމާއެކު ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ވަނީ 83 ކިލޮވޮޓްގެ ސޯލާ ޕަވާއަށް އިތުރުވެފައެވެ.
އެމްޑަބްލިއުއެސްސީން ދަނީ 2012 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ކުރާ މަސައްކަތުގެ ދަށުން ދުވާފަރު ހިމެނޭހެން މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި އެ ކުންފުނީގެ އެކިއެކި އޮޕަރޭޝަން ސެންޓަރުތަކުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދަމުންނެވެ.
އެގޮތުން ޖުމުލަ 578 ކިލޮވޮޓްގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލުކަން އެ ކުންފުނިން ހޯދައި، ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާސިލުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!