ހއ. މުރައިދޫ ބަނދަރުގެ ބޮޑުކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ ގިނަ ދުވަސްތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން ބޭނުންވެފައި އޮތް މަޝްރޫއެކެވެ. މި އިންތިޒާރަށް ނިމުން ގެނެސް މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިވަނީ މިއަދު ބަނދަރު ހަދަން ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައެވެ.
އާ އަހަރުގެ ފުރަތަމަ ދުވަހު މި މަސައްކަތް ފެށުމުގެ ޔަގީންކަން ލިބިގެންދިއުމަކީ މުޅި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު ހަދިޔާއެކެވެ.
މުރައިދޫ ބަނަދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 29،841 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 3،546 ކިއުބިކް މީޓަރުގެ ބަނދަރަށް ވަންނަ ނެރު ފުންކުރާނެއެވެ. އަދި 212 މީޓަރު އެއްގަމު ތޮއްޓަކާއި 407 މީޓަރުގެ ބޭރު ތޮއްޓެއް ލައި ގްރޮއިން ޖެހުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
މީގެ އިތުރުން 107 މީޓަރުގެ އެގްޒިސްޓިން ބްރޭކްވޯޓާ ރިޕްރޮފައިލް ކުރުމާއި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރަން ބްރިޖެއް ހެދުމުގެ މަސައްކަތާއި ނެވިގޭޝަން ލައިޓް ހަރުކުރުމާއި ރޭމްޕް ހެދުމާއި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުންވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 33.7 މިލިއަން ރުފިޔާއަށެވެ.

މި މަސައްްކަތް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ 25 އޮގަސްޓް 2021 ގައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.
މުރައިދޫ ބަނދަރު ހެދުމަށް ބޭނުންވާ ސާމާނު މިއަދު އެރަށަށް ގެންދިޔުމާއި ގުޅިގެން މުރައިދޫ ކައުންސިލްގެ ރައީސް ޢަލީ ސިނާން "ތިލަދުން" އަށް ވިދާޅުވީ، މިއީ އެރަށުގެ ރައްޔިތުންގެ ޒަމާންވީ އުންމީދުތަކުގައި ކުލަޖެހުމުގެ ފެށުންކަމަށެވެ.
ބަނދަރެއް ނެތް ދުވަސްވަރު މީގެކުރީން ހިނގި ބައެއް ހާދިސާތަކުގައި ބައެއް ފުރާނަތައް ގެއްލިފައިވާކަން ފާހަގަކުރަށްވައި، ސިނާން ވަނީ މިއަދު މުރައިދޫ ރައްޔިތުންނަށް ލިބިގެން މިދިޔައީ އާ އަހަރުގެ ހަދިޔާއެއްގޮތުގައި ސިފަ ކުރަށްވާފައެވެ.
ސިނާން ވަނީ މިކަމަށްޓަކައި އަދުގެ ސަރުކާރަށާއި، ރައްޔިތުންގެ މަޖިލީހުގައި މުރައިދޫ ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދު ﷲ އަށް ޝުކުރު ދަންނަވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!