މާދަމާ ފެށޭ 2022 ވަނަ އަހަރުގެ ތެރޭގައި ހދ. މަކުނުދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ހދ. މަކުނުދޫއަކީ އަތޮޅުގެ ރަށްތަކާއި ވަކިން ދުރުގައި އޮންނަ ގުދުރަތީގޮތުން ވަރަށް ރީތި ރަށެކެވެ. އަސާސީއެކިއެކި މުހުތާދުތައް ފުއްދުމަށާއި، އެކި ބޭނުންތަކުގައި ދުރު ކަނޑު ދަތުރެއް ކުރަންޖެހިފައިވުމީ ޒަމާނުއްސުރެ އެރަށުގެ ރައްޔިތުން އުފުލަމުން އަންނަ ތަކުލީފެކެވެ. މިކަމުގެ ސަބަބުން މިހާތަނަށް އެރަށުގެ ރައްޔިތުން ވަނީ ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައެވެ.

Ad
rt

މަކުނުދޫ ހިމެނޭ ސަރަހައްދަކީ ގުދުރަތީ ގޮތުން ވަރަށް ޗާލު ސަރަހައްދެކެވެ. އަދި އެރަށާއި އިންވެގެން ހުރި ފަޅުރައްތަކާއިއެކު އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ކާމިޔާބު މަޝްރޫޢެއްވެސް ހިންގިދާނެފަދަ ސަރަހައްދެއްވެސް މެއެވެ.

ދަތުރުފަތުރުގެ ފަސޭހަކަމާއެކު، ރަށާއި، ރަށުގެ ވަށައިގެންވާ މާހައުލުން ވަޒީފާއާއި، އިޤްތިޞާދީ ނަފާވެރިކަމުގެ އުންމީދުގައި މަކުނުދޫގައި އެއާޕޯޓެއް ތަރައްގީވެ، ބޭނުން ކުރެވެމުން ދިޔުމީ އެރަށުގެ ރައްޔިތުން ދެކެމުން އަންނަ ހުވެފަނެކެވެ.

މި މަޝްރޫޢާއިގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މަކުނުދޫ ތަމްސީލްކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު ރާޢީ ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާޢީލާއި ބައްދަލު ކުރަށްވާފައެވެ.

އެއަށްފަހު މީސް މީޑިއާ މެދުވެރިކޮށް ރާޢީ ވިދާޅުވީ، މަކުނުދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށޭ އަހަރު ފެށިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ފައްޔާޟު ފަރާތްޕުޅުން ލިބިގެންދިއުމަކީ މަކުނުދޫ ލޮބުވެތި ރައްިތުންނާއި އަދި މަކުނުދޫ ދާައިރާގެ އެއްމެހާ ލޮބުވެތި ރައްޔިތުންގެ އިތުރުން މުޅި ހދ އަތޮޅަށް ވެސް ލިބުނު އުފަލެއްކަމަށެވެ.

މަކުނުދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވެސް އޮތީ ބީލަމުގައެވެ. މިއީ އެ މަސައްކަތް ބީލަމަށްލި ތިންވަނަ ފަހަރެވެ.

މަކުނުދޫގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ހދ. އަތޮޅުގައި މިވަގުތު އިތުރު ދެ އެއާޕޯޓެއް އެބައޮތެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ކުޅުދުއްފުށީ އެއާޕޯޓެވެ.

މަކުނުދޫގެ އިތުރުން ބޮޑުތިލަދުންމަތިން ށ. ބިލެތްފަހީގައި ވެސް އެއާޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ބީލަމަށް ލާފައެވެ. ށ. އަތޮޅު ފުނަދޫގައި އެއާޕޯޓެއް އޮވެއެވެ.

ހއ. އަތޮޅުން އެއާޕޯޓް އޮންނީ ހޯރަފުށީގައެވެ.

ރާއްޖޭގައި މިހާރު ބައިނަލް އަގްވާމީ ތިން އެއާޕޯޓެއް އޮތްއިރު، ޑޮމެސްޓިކް 15 އެއާޕޯޓެއް އެބައޮތެވެ.