އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގައި ފަރަގު ބޮޑުކުރިއިރު ފަހު ވަގުތު ލަނޑުޖަހައި ބްރައިޓަންއިން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 16 ވަނަ މިނެޓުގައި ޑި ބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފިލް ފޯޑެންއެވެ. ފޯޑެން މިލަނޑު ކާމިޔާބުކުރި އިރު ހުރީ އޮފެސައިޑްގައި ކަމަށް ބަލައި ލައިސްމަން ދިދަނެގި ނަމަވެސް ފަހުން ވީއޭއާރުން ބެލުމުން އޭނާ ލަނޑު ކާމިޔާބު ކޮށްފައުވަނީ އޮފްސައިޑްގައިހުރެ ނޫންކަން ޔަޤީންވުމާއެކު އެ ލަނޑު ވަނީ ބަލައި ގަނެފައެވެ. މި މޮޅާއިއެކު ސިޓީން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ދިހަ މެޗުން ވެސް މޮޅުވެފައެވެ.

ބުދަ ދުވަހުގެ ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ބްރައިޓަންއާއި ދެކޮޅަށް ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުގައި ޗެލްސީއަށް ލީޑުނަގައި ދީފައި ވަނީ 28 ވަނަ މިނެޓުގައި މައުންޓް ނަގައިދިން ކޯނަރަކުން ލުކާކޫއެވެ. ބްރައިޓަންއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ތެރޭގައި ކުކުރެއްލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑެނީ ވެލްބެކެވެ. ޑެނީ ވެލްބެކް މި މެޗުގައި ކުޅެން ނުކުމެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ.

މި ނަތީޖާތަކާއިއެކު ސިޓީއަށް ވަނީ ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ސިޓީއަށް 20 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ޗެލްސީއޮތީ 20 މެޗުން ލިބުނު 42 ޕޮއިންޓާއި އެކުއެވެ. ސިޓީއަތުން ބަލިވި ބްރެންޓްފޯޑް މިވަގުތު ތާވަލުގެ 14 ވަނާގައި އޮތްއިރު ޗެލްސީއަތުން ޕޮއިންޓެއް ހޯދު ބްރައިޓަން މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ.