ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.

ކުއީންސް ބެޓަންއަށް މަރުހަބާ ދެންނެވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ބައިވެރިވެ ވަޑައިގަންނަވާފައެވެ. މީގެއިތުރުން ނައިބް ރައީސް ފައިޞަލް ނަސީމް ވެސް ވަނީ އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

Ad
rt

މި ރަސްމިއްޔާތުގައި، ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް 'ބަރމިންގހަމް 2022- ކްއީންސް ބެޓްން' ވަނީ އަރުއްވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި 'ބަރމިންގހަމް 2022- ކްއީންސް ބެޓްން' ގެ ރަސްމީ ޖަރޒީ ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވެދުން ކުރައްވާފައެވެ.

ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިނގިރޭސި ވިލާތުންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ 72 ޤައުމަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއްޤައުމު އަނެއް ޤައުމާއިއެކު އޮންނަ ގުޅުމެވެ.

މި ގޭމްސް 28 ޖުލައި 2022 އިން 08 އޯގަސްޓް 2022 ގެ ނިޔަލަށް އިނގިރޭސި ވިލާތުގެ ބަރމިންގހަމްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކްއީންސް ބެޓަންގެ ތާރީޚީ މުޅި ދުނިޔެ ވަށާ ޖެހުމަށް ފަހު ނިންމާލުމަށް ހަމަޖެހިފައި ވަނީ ޖުލައި 28 ވަނަ ދުވަހުއެވެ.