އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުންއައި ސްޕެއިންގެ ޒުވާން ފޯވާޑް ފެރާން ޓޮރޭސް ބާސެލޯނާއާއި ގުޅިއްޖެއެވެ.

އުމުރުން 21 އަހަރުގެ ޓޮރޭސް ބާސެލޯނާއާއި ގުޅިފައަވަނީ 46.3 މިލިއަން ޕައުންޑަށެވެ. ސްޕެއިންގެ ވެލެންސިއާއިން ޓޮރޭސް ސިޓީއަށް ބަދަލުވެފައި ވަނީ ފާއިތުވު އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ސިޓީއަށް އޭނާ ވަނީ 43 މެޗު ކުޅެދީ 16 ގޯލު ޖަހައިދީފައެވެ.

Ad
rt

ޓޮރޭސް ބާސާއާއިއެކު ހަދާފައިވާ އެއްބަސް ވުމުގެ ދަށުން 2027 ވަނަ އަހަރުގެ ނިޔަލަށް، އޭނާ ބާސާގައި މަޑުކުރަން ޖެހޭނެއެވެ. އެ މުއްދަތުގެ ތެރޭގައި އެހެން ކުލަބަކުން އޭނާ ގަންނަން ބޭނުންވެއްޖެ ނަމަ ރިލީޒް ކުލައުޒްގެ ގޮތުގައި އެއް ބިލިއަން ޕައުންޑް ދައްކަން ޖެހޭނެއެވެ.

ޓޮރޭސްގެ އިތުރުން މި އަހަރުގެ އޮކްޓޯބަރ މަހު ބާސާގެ ކޮންޓްރެކްޓް އައުކުރި އަންސޫ ފާޓީއާއި ޕެޑްރީގެ ރިލީޒް ކުލައުޒްގެ ގޮތުގައި އެއް ބިލިއަން ޕައުންޑް އެ ކުލަބުން ވަނީ ހިމަނާފައެވެ.

ޓޮރޭސްއަކީ މިހާރު ސްޕެއިން ޤައުމީ ޓީމްގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް އޭނާ ވަނީ ސްޕެއިން ޓީމަށް ކުޅެފައެވެ. ޓޮރޭސްގެ ކާމިޔާބީތަކަށް ބަލައިލާއިރު އޭނާ ވަނީ ވެލެންސިއާއިއެކު ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސިޓީއާއެކު ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ.