ހުސްވެފައިވާ ކޮމަންޑޫ ދާއިރާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ބާއްވާ ބައި އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާކުރާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަން (އީސީ)އަށް މިއަދު ހުށަހަޅައިފިއެވެ.
ރާޝިދަކީ މި އިންތިޚާބުގައި ވާދަކުރުމަށް އީސީއަށް ދެވަނަ އަށް ފޯމް ހުށަހެޅި ފަރާތެވެ. މީގެކުރިން އެމްއެންޕީގެ ކެންޑިޑޭޓު ޢަބްދުލް ޙަންނާން އިދުރީސް ވަނީ ފޯމު ހުށަހަޅާފައެވެ.
ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސެވެ. އޭނާ ނިސްބަތް ވަނީ ވެސް ފޯކައިދޫއަށެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
މި އިންތިޚާބުގައި ވާދަކުރަން އިދިކޮޅު ޕީޕީއެމުން ޓިކެޓް ދީފައި ވަނީ ރައީސް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމް ފުރުއްވި، ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށެވެ. ފަތުހީ އަކީ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ.
ބައި އިލެކްޝަންގައި ވާދަކުރުމަށް އީސީން ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާގެ ނިޔަލަށެވެ. ކެންޑިޑޭޓުންގެ މެދުގައި ގުރުނެގުމާއި، ކެންޑިޑޭޓު ނަންބަރު ތަރުތީބު ކުރުން މާދާމާ ރޭ ބާއްވާ ގޮތަށް އީސީން ވަނީ ނިންމާފައެވެ.
އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!