ހދ. ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

އެ ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމާއި އަދި ގޯލް ފެންސްޖަހާދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

Ad
rt

އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ 10 ޖަނަވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލާފައެވެ.

ރަޖިސްޓްރީ ވުމަށް އެއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ ގޫގުލް ފޯމް (ލިންކް) މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. މީގެ އިތުރުން ހުރިހާ ބީލަންވެރިންވެސް މިހާރުން ފެށިގެން މީރާގެ ޓެކްސް ކްލިރިއަންސް ރިޕޯޓް ހޯދުމަށް ސަމާލުކަންދިނުމަށް އެ ކައުންސިލުން ވަނީ އަންގާފައެވެ.

މި ބީލަމަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 ޖަނަވަރީ 2022 ވާ (އަންގާރަ) ދުވަހުގެ 10:00ގައި ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މި ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތެއް ވާނަމަ 10 ޖަނަވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00ގެ ކުރިން info@nolhivaran.gov.mv މެއިލް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.