ރާއްޖޭގެ އަމިއްލަ އެއާލައިނެއްކަމަށްވާ މަންތާ އެއާގެ، އެޕްރެންޓިސްޝިޕް ޕްރޮގްރާމް "މަންތާ ވިންގްސް" އިފްތިތާޙްކޮށްފިއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ "މަންތާ ވިންގްސް" ގެ ބައިވެރިނަންނަށް ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވައިގެ ދަތުރު ފަތުރުގެ ސިނާޢަތުގައި ހިމެނޭ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށާއި، ޒުވާނުން މި ދާއިރާއަށް ތަޢާރަފްކުރުމުގެ މަޤްޞަދުގައި 18 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން މަންތާ އެއަރ އިން އަލަށް ފަށާ ތަމްރީން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 10 ދަރިވަރުން ބައިވެރިވެފައިވާއިރު، މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި މި ޕްރޮގްރާމް އަހަރަކު ދެ ފަހަރު ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި ޙަފްލާގައި ނައިބު ރައީސް ފައިޞަލް ވަނީ ވޭތުވެދިޔަ ތިން އަހަރު މަންތާ އެއަރ އިން ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި ބަދަލުވަމުން އަންނަ ދުނިޔޭގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް މިވަނީ ވަރަށް ބޮޑު އިންގިލާބީ ކުރިއެރުމެއް އައިސްފައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ފުޅާވަމުންދާ ވަރަކަށް ސިނާޢަތަށް ބޭނުންވާނެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!