މާލޭގެ ރައްޔިތުންގެ ހައްގުގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) މިހާރު އުވާލަންޖެހިފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެޗްޑީސީއިން އިއްޔެ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ޢިއުލާންކޮށްފައެވެ. އެކަމާ ސިޓީ ކައުންސިލާއި މޭޔަރު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ad
rt

މޭޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ހައްގުގައި އެޗްޑީސީ މިހާރު އުވާލަންޖެހިފާ ވާކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަހަކަށް އެޗްޑީސީ މިހާރު ވެފައިވާ ކަމަށް ވިދާޅުވިއެވެ.

"އެޗްޑީސީ އުވާލާ މާލޭގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަހައްދަކީ ޤާނޫނުގައި ބުނާ ފަދައިން ރައްޔިތުން ހޮވާފާ ކައުންސިލުން ބަލަހައްޓާ ތަނަކަށްވާންޖެހޭ" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު މިހެން ވިދާޅުވެފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އެޗްޑީސީން ނިންމުމާ ގުޅިހެން މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް މާލޭ ސިޓީ ކައުންސިލްއިން މިއަދު ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

އެ ބަޔާނުގައި ހުޅުމާލެ ދެވަނަފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް 60 ބިން ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން ހުޅުވާލި ހުޅުވާލުމަކީ މާލެ ސިޓީކައުންސިލުން ކަންބޮޑުވާ ކަމެއްކަމުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މާލެ ސިޓީކައުންސިލުން ޤަބޫލުކުރާގޮތުގައި، ހުޅުމާލެ އަކީ މާލެ ސިޓީގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ތަނަކެވެ. އެހެންކަމުން މާލެ ސިޓީކައުންސިލްގެ އެއްވެސް ބަހެއްނެތި، މާލެ ސިޓީގައި ދިރިއުޅޭ މާލެ ސިޓީގެ ރައްޔިތުންގެ ތެރެއިން މިހާރުން މިހާރަށް ގޯތިގެދޮރުގެ މުހިންމުކަން ބޭނުންވެފައިވާ ވަރަށްގިނަ އާންމު ރައްޔިތުން ތިއްބައި، އެފަދަ މީހުންނަށް ގޯތިގެދޮރު ލިބޭނެ ފުރުޞަތުނުދީ، ހަމައެކަނި މުއްސަނދިންނަށް ހުޅުވާލި ހުޅުވާލުން އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމުގެ ބަދަލުގައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން އެޗްޑީސީން ނިންމިނިންމުމަކީ ލާމަރުކަޒީ ޤާނޫނާއި ޚިލާފްކަމެއް ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެޗްޑީސީން ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1603.07 އަކަ ފޫޓާއި 2633.93 އަކަފޫޓާ ދެމެދުގެ 60 ގޯތި ބީލަމުގެ އުސޫލުން ވިއްކާށެވެ. އެކަމަށްޓަކައި ބީލަން ފޯމް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.