ށ. އަތޮޅު ކައުންސިލުގެ ރުހުން ނެތް މީހެއް އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރުމަށް، ސިވިލްސާވިސް ކޮމިޝަންއިން މަސައްކަތްކުރަމުންދާކަމަށް ބުނެ އެކަން ހައްލުކޮށްދިނުމަށް އެދި ށ. އަތޮޅު ކައުންސިލްގެ ގަރާރެއް ފާސްކޮށްފިއެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އެ ކައުންސިލްގެ ބައްދަލުވުމުގައި، 11 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރު ފާސްކުރަން ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ. އެކައުންސިލުގައި ތިއްބަވަނީ 15 މެންބަރުންނެވެ.

Ad
rt

އެ ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަނު ކުރަންވާނީ ކައުންސިލްގެ " ލަފަޔާއި އެކު" ކަމަށް ބަޔާން ކޮށްފައި އޮތް އޮތުން އެކައުންސިލުން މާނަ ކުރަނީ "ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވަންވާނީ ކައުންސިލްގެ މެޖޯރިޓީ ރުހުން އޮތް މީހަކު" ކަމަށެވެ.

އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ކަމާގުޅޭ މާއްދާއިން ވެސް މާނަ ކުރެވެނީ ކައުންސިލްގެ މެޖޯރިޓީ ރުހުން ނެތް މީހަކަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ނުހުރެވޭނެ ކަމަށް ކަމަށާއި، އަދި ކައުންސިލްގެ މެޖޯރިޓީ ރުހުން ނެތް މީހަކު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމްގައި ހުރެއްޖެނަމަ ކައުންސިލުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރުމުގައާއި، ޤާނޫނުތަކުން ލާޒިމުކުރާ ޚިދުމަތްތައް ދިނުމަށާއި، އަދި މިނޫނަސް އަތޮޅުގެ ރައްޔިތުންނަށް ދޭންބޭނުންވާ ޚިދުމަތްތައް ދިނުމަށް ނުހަނު ބޮޑަށް ދަތިވާނެކަމަށް ފެންނަކަމަށާއި، އެ ގަރާރު ހުށަހަޅާ ސަބަބުތަކަކީ އެއީކަމަށް ވެސް ބުނެފައިވެއެވެ.

ށ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ނެގުމަށް ކުރިއަށްދާ މަރުޙަލާތަކުގެ ތެރެއިން ސިވިލްސަރވިސް ކޮމިޝަންގެ ސިޓީން، އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރަން ބޭނުންވާ ފަރާތުގެ ނަން ފޮނުވިކަމަށާއި، އަދި އެފަރާތް ހަމަޖެއްސުމަށް ލަފާހޯދުމަށް ފޮނުވުމުން ށ. އަތޮޅު ކައުންސިލްގެ 3 ވަނަ ދައުރުގެ 17 ވަނަޖަލްސާއިން އެފަރާތް
ށ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނު ކުރުމަށް ނުފެންނަކަމަށް އެ ކައުންސިލްގެ 15 މެމްބަރުންގެ ތެރެއިން 10 މެމްބަރުންގެ އަޤްލަބިއްޔަތުން ފާސްކޮށް ސިވިލްސަރވިސް ކޮމިޝަންއަށް ފޮނުވާފައިވާނެކަމަށް އެ ގަރާރުގައި ބުނެފަވެއެވެ.

ނަމަވެސް 22 ޑިސެމްބަރ 2021ގައި ސިވިލްސަރވިސް ކޮމިޝަނުން އެ ކައުންސިލަށް ފޮނުއްވި ސިޓީގައި، ކައުންސިލުގެ ނިއްމުމަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަމާއްދާގެ މަޙްފޫމަށް ރިޔާޔަތް ކުރުމެއްނެތި އެ ފަރާތް ށ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންޔަނުކުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އަންގަވާކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އަތޮޅު ކައުންސިލްގެ 3 ވަނަ ދައުރުގެ 17 ވަނަޖަލްސާއިން ނިއްމާފައިވާ ގޮތަށް ށ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ނެގުމުގެ މަސައްކަތް އަލުން އިޢުލާން ކޮށްގެން ކުރިއަށް ގެންގޮސްދެއްވުމަށް ސިވިލްސަރވިސް ކޮމިޝަން ގައި ދެންނެވުމަށާއި، އަދި އެގޮތަށް ސިވިލްސަރވިސް ކޮމިޝަންއިން ނުގެންދަވައިފި ނަމަ ދިވެހިރާއްޖޭގެ ޝަރުއީ މަރުޙަލާއަކުން ނިއްވާގޮތަކަށް ނޫނީ މިހާރު ސިވިލްސަރވިސް ކޮމިޝަންއިން ށ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނު ކުރެއްވުމަށް މަސައްކަތްކުރައްވާ ފަރާތް އެމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ޒިއްމާ ށ. އަތޮޅު ކައުންސިލުން ޙަވާލު ނުކުރުމަށް ހުށަހަޅާކަމަށް އެ ގަރާރުގައި ބުނެފަވެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.