ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ވާދަ ނުކުރަން ނިންމައިފިއެވެ.
އެމްޓީޑީން ބުނީ މިއަދު ބޭއްވުނު އެޕާޓީގެ ކައުންސިލު ބައްދަލުވުމުގައި، އެ ޕާޓީން މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ވަނީ ނިންމާފަކަމަށެވެ.
އެ ޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެ ޕާޓީ އިން ހުޅުވާލުމުން، އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ކުރިމަތިލި އެ ޕާޓީގެ މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ.
އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ކޮމަންޑޫއަށް އުފަން ޢަބްދުލް ޙަންނާން އިދުރީސްގެ ކެނޑިޑެންސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ވަނީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ރާޝިދަށް ޓިކެޓް ދީފައެވެ. ރާޝިދަކީ ފޯކައިދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.
ޕީޕީއެމުން ޓިކެޓް ދީފައި ވަނީ ރައީސް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމް ފުރުއްވި، ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށެވެ. ފަތުހީ އަކީ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ބައި އިލެކްޝަންގައި ވާދަކުރުމަށް އީސީން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!