މިއީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެންމެން އެއް ޢަޒުމެއްގައި، އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ، މިހާރު ތަޙައްމަލު ކުރަމުން މިދަނީ، ޤުދުރަތީ ބޮޑު ކާރިސާއެއް ނޫނަސް، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. މިގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އުޅޭތާ މިހާރު ދެ އަހަރުވެފައިވާ ކަމަށާއި، ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު، އުޅެންޖެހުނީ ވަރަށް ދަތި ޙާލެއްގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، ރާއްޖޭގެ މުޅި އާބާދީއަށް، އެކަމުގެ ގެއްލުންތައް ލިބުނުކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި ދަތިކަމުގެ ތެރޭގައިވެސް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަންކަމަށް ރައީސް ވިދާޅުވިއެވެ.
"ގޭގެޔަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި، އެނޫން ތަކެތި ފޯރުކޮށްދިނުމުގައި، ހިލޭ ސާބަހަށް އެތައް ހާސް ބަޔަކު މަސައްކަތް ކުރި. އަމިއްލަ ޢާއިލާއާ ދުރުގައި، ރެޔާއި ދުވާލު، އަތްވާއި ވާރޭގައި އެތައް ދުވަހެއް ވަންދެން، ހިލޭ ސާބަހަށް މަސައްކަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އެފަދަ ބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގައި އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޢުރީފު." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޯވިޑުން ރައްކާތެރިވުމަށް މިކުރާ މަސައްކަތުގައި، މާތް ﷲގެ ވާގިފުޅާއެކު ރާއްޖެ މިވަނީ، މި ސަރަހައްދުގެ ޤައުމުތަކާ އަޅައިބަލާއިރު އެކަށީގެންވާ ކުރިއެރުމެއް ހޯދާފައިކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަމާއި، އިޤްތިޞާދީ އެހެން މަސައްކަތްތައްވެސް އަލުން ފަށައިގަނެވިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މިހާރު ރާއްޖެ އޮތް ޙާލަތަށް ބަލާއިރު، އިޤްތިޞާދީ ނަޒަރަކުން ވިސްނާނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި ކަމަށާއި، ކޯވިޑުގެ ކުރިން އޮތް ޙާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ޙާލަތަކަށް، ޤައުމުގެ އިޤްތިޞާދު ގެންދިޔުމަށްޓަކައި، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެންމެން އެއް ޢަޒުމެއްގައި، އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތު." ރައީސް ވިދާޅުވިއެވެ.
ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްކަން ފާހަގަކުރަށްވައި، އެ ސިޔާސަތު ދެމެހެއްޓޭނީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން އެދޭ އެދުންތަކަށް އިޖާބަދީގެންމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރެއް އޮތުމުގެ ބޭނުމަކީވެސް އެއީކަމަށާއި، ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ، އެ ދައުލަތެއްގައި ޝާމިލުވާ އެންމެންގެ އަޑުއަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭން މަސައްކަތް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!