ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އިން ގޮވާލައިފިއެވެ.

އެ ޕާޓީން މިހެން ގޮވައިލީ އިއްޔެ ފާހަގަކުރި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން އާންމުކުރި ބަޔާނެއްގައެވެ.

Ad
rt

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ވަރަށް ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކެވި އަޚުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންކަން ފާހަގަކުރަށްވައި، އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދައެއްބައިވަންތަކަމެއް ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

"ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް" ފާހަގަކުރަނީ، އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން ޢިބްރަތް ލިބިގަތުމަށްކަމަށާއި، މި ފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހިރައްޔިތުން ދެއްކެވި މަތިވެރި ޤައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަން ޖެހޭކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

"ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތްކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެގޮތުން، ކޯވިޑް-19 ގެ ހާލަތުގައިވެސް ސަރުކާރާއެކު ދިވެހި ރައްޔިތުން ދައްކުވައިދެއްވާފައިވަނީޤައުމީ އެއްބައިވަންތަކަމެވެ. އަދި ކޯވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކާމާއެކު، އަޅުގަނޑުމެންސަމާލުވެ ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީއެވެ." އެމްއާރުއެމުން ބުނެފަ ވެއެވެ.

އެ ޕާޓީން ބުނީ 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ކާރިސާ އަކީ މާތްﷲ ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިޙާނެއްކަމަށާއި، މި އިމްތިޙާނުން ޙާޞިލްވި އެންމެ މަތިވެރި އިބުރަތަކީޤައުމީ އެއްބައިވަންތަކަމުގެ މުހިންމު ކަންކަމަށެވެ. އަދި ޤައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށްސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން އެކަމުން އެނގިގެން ދިޔަކަމަށް އެ ޕާޓީން ބުނެފަ ވެއެވެ.

"ހަމަ މިއާއިއެކު ސުނާމީ ކާރިސާއަކީ އަވައްޓެރި ޤައުމުތަކާއިއެކު އޮތް ގުޅުމާއި، އެ ގުޅުން ހީނަރުވިޔަނުދީ ދެމެހެއްޓުމުގެ މުހިއްމުކަންހާމަވެގެންދިޔަ ގިނަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރަށް ވީއިރު، ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ގޮވާލަމެވެ." އެމްއާރުއެމުން ބުނެފަ ވެއެވެ.

އަވައްޓެރިޤައުމުތަކުގެ ރައްޔިތުންނަށް، ޚާއްސަކޮށް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ހިއްސާދާރުންތަކެއް ކަމަށްވާ ބިދޭސީ މަސައްކަތްތެރިންނަށް އިޙުތިރާމްކޮށް، އިސްލާމްދީން ދަސްކޮށްދީފައިވާ ރިވެތި އުޞޫލުތަކުގެ ތެރެއިން، އަޚުވަންތަކަމާއި އޯގާތެރިކަމާއިއެކު އެ މީހުންނާއިމެދު އަމަލުތައްބެހެއްޓުމަށްވެސް ވެސް އެ ޕާޓީގެ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއާރުއެމުން ބުނީ، ސުނާމީ ކާރިސާ ފަދަ ކޮންމެ ދަނޑިވަޅެއްގައި، ފަސްޖެހުމެއްނެތި އަވައްޓެރި ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ
މުޖުތަމައުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އެޕާޓީން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށެވެ.

އެމްއާރުއެމްއަކީ ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ ޕާޓީއެކެވެ. އަދި އެ ޕާޓީއަކީ މިހާރު ހިނގަމުންދާ ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ.

ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް އެ ޕާޓީން ގޮވާލިއިރު، ކޯލިޝަންގައި ހިމެނޭ އަނެއް ތިން ޕާޓީ ކަމަށްވާ އެމްޑީޕީއާއި، ޖޭޕީ އަދި އޭޕީން ވެސް ވަނީ މި މޭރުމުން ބުނެފައެވެ.