ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ވާދަކުރާ، ކެންޑިޑޭޓް ތައާރަފްކޮށް، ޓިކެޓް ހަވާލުކުރުމުގެ ގޮތުން ޖަލްސާއެއް ރޭގައި ބާއްވައިފިއެވެ.
އެމްއެންޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަން ޓިކެޓް ހަވާލުކޮށްފައި ވަނީ، ކޮމަންޑޫގެ ވިޔަފާރިވެރިއެއް ކަމުގައިވާ އަބްދުލްް ހަންނާން އިދްރީސްއަށެވެ. ހަންނާނުއަށް ޓިކެޓް ހަވާލުކޮށްފައި ވަނީ އެމްއެންޕީގެ އިންތިގާލީ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
ހަންނާނަކީ ތައުލީމީ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީީ މުދައްރިސެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވުމަށްފަހު، އޭގެ ފަހުން ސުޕަވައިޒަރ ކަމާއި ހެޑް މާސްޓަރ ކަމުގެ އިތުރުން ޕްރިންސިޕަލްކަން ވެސް ކުރަށްވާފައެވެ.
ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވައިފައެވެ. އަދި ހދ. ހަނިމާދޫ ސުކޫލާއި ރ. އިނގުރައިދޫ ސޫކޫލާއި ނ. މާފަރު ސުކޫލާއި ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!