ހދ. ނެއްލައިދޫ ކައުންސިލްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން އެރަށުގައި ފަޔަރ ފައިޓިންގް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލް މެމްބަރ އަދި މި ޕްރޮގްރާމް އިންތިޒާމް ކުރުމާއި ހަވާލުވެ ހުންނެވި އައިޝަތު ދިމްނާ ވިދާޅުވީ މިއީ ނެއްލައިދޫ ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށްނަށާއި އާއްމު ރައްޔިތުންނަށް ވެސް ބައިވެރިވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

Ad
rt

އެގޮތުން މި މަހުގެ 28 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން ވަނީ މިހާރު ހުޅުވާލާފައެވެ. ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 6520041 ފޯން ނަންބަރ އާ ގުޅުއްވައިގެން ނުވަތަ ކައުންސިލް އިދާރާއަށް ވަޑައިގެން ވެސް ނަން ނޯޓް ކުރެވޭނެ ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ނަން ނޯޓް ކުރުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ މެންދުރުފަހު 13:00 އާ ހަމައަށެވެ.

ޕްރެސެންޓޭޝަން އަދި އަމަލީ ބަޔާއި އެކު މި ޕްރޮގްރާމް ކުރިއަށް ދާނީ ދަރިވަރުންނާއި އާއްމު ރައްޔިތުން ވަކިންނެވެ. އެގޮތުން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދެއްގެ ގޮތުގައި އެ ކައުންސިލުން ފާހަގަ ކޮށްފައިވަނީ އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމިއްލަ ސަލާމަތްކަން ހޯދުމުގެ އިތުރަށް އެފަދަ ވަގުތެއްގައި އެހެން ފަރާތެއް ސަލާމަތް ކުރުމަށް އަމަލުކުރަންޖެހޭ ގޮތްތައް އަންގާދިނުމެވެ.

1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އެ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 17:00 އަށް ނެއްލައިދޫ ޕްރިސްކޫލްގައި ކުރިއަށް ދާނެއެވެ.