ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިންވެސް ކެންޑިޑޭޓަކު ނެރެން ނިންމައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރަން ބޭނުންވާ، އެ ޕާޓީގެ މެންބަރުންނަށް ފުރުޞަޠު ހުޅުވާލަމުން އެމްޓީޑީ އިން ބުނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00އާ ހަމައަށް ފުރުސަތު ހުޅުވާފައިވާ ކަމަށެވެ.

Ad
rt

އެ ޕާޓީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަ ކުރަން ބޭނުންވާ އެންމެހާ މެންބަރުން އެ ޕާޓީގެ އީމެއިލް، secretariat@mtd.mv އަށް މެއިލް ކުރުމަށް އެމްޓީޑީން ވަނީ އެދިފައެވެ.

އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ވަނީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ރާޝިދަށް ޓިކެޓް ދީފައެވެ. ރާޝިދަކީ ފޯކައިދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

ޕީޕީއެމުން ޓިކެޓް ދީފައި ވަނީ ރައީސް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމް ފުރުއްވި، ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށެވެ. ފަތުހީ އަކީ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް އެމްއެންޕީއިން އެ ޕާޓީގެ ޓިކެޓް ދީފައިވަނީ ތައުލީމީ ދާއިރާގެ ޚިދުމަތްތެރިއެއްކަމަށްވާ އަބުދުލް ޙަންނާން އިދުރީސްއަށްވެ. ހަންނާނުވެސް ނިސްބަތްވަނީ ކޮމަންޑޫ އަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އީސީން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.