މޯލްޑިވަސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ ކެނޑިޑޭޓް ތަޢާރަފްކޮށް، ޓިކެޓް ހަވާލުކުރުން މިރޭ އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ،

މިކަމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8:45 ގައި ސްޓެލްކޯ އޮޑިޓޯރިއަމް ރޫމްގައެވެ.

Ad
rt

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ އެމްއެންޕީގެ ކެންޑިޑޭޓަކީ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސް އެވެ.

ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށްފަހު މިހާރު ހަންނާނަކީ އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެވެ. އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހަންނާން ހިމެނެއެވެ.

ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވައިފައެވެ. އަދި ހދ. ހަނިމާދޫ ސުކޫލާއި ރ. އިނގުރައިދޫ ސޫކޫލާއި ނ. މާފަރު ސުކޫލާއި ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ވަނީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ރާޝިދަށް ޓިކެޓް ދީފައެވެ. ރާޝިދަކީ ފޯކައިދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

ޕީޕީއެމުން ޓިކެޓް ދީފައި ވަނީ ރައީސް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމް ފުރުއްވި، ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށެވެ. ފަތުހީ އަކީ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އީސީން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.