ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސްގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގައި ފިރިހެން ޑިވިޛަންގެ ޗެމްޕިއަންކަން ބާރަށު ސޫރިއާ ސްޕޯޓްސް ހޯދިއިރު އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދައިފިއެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު 17 ޑިސެމްބަރ 2021 ގައި ކުޅެފައިވާއިރު ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ބާރަށު ސޫރިޔާ ސްޕޯޓްސްއާއި ޓީމް ކެލާއެވެ.

Ad
rt

މި މުބާރާތުގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސް ހޯދާފައި ވަނީ ޓީމް ކެލާ 3 ސެޓް 1 ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓްތައް ގޮސްފައިވަނީ 25/23، 25/21، 20/25، އަދި 25/21 އިންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ހޮވިފައި ވަނީ ސޫރިޔާ ސްޕޯޓްސްގެ ހުސައިން ރައްޒާންއެވެ.

ފައިނަލް މެޗު ނިމުމާއިއެކު މުބާރާތުގެ ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. މި މުބާރާތުގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކެޕިޓަލް ސިޓީގެ އަހްމަދު ޝަފާޒްއެވެ. އެންމެ މޮޅު ކޯޗަކަށް ސޫރިޔާ ސްޕޯޓްސްގެ ކޯޗް އަލީ ވާފިރް ހޮވިފައިވާއިރު މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސޫރިޔާ ސްޕޯޓްސްގެ ހުސައިން ރައްޒާންއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން

ހުސައިން ރައްޒާން – ސޫރިޔާ ސްޕޯޓްސް

މުޙައްމަދު އަލީ – ޓީމް ކެލާ

މުޙައްމަދު ޒަހީން – ސޫރިޔާ ސްޕޯޓްސް

ހުސައިން ޒިޔާމް – ޓީމް ކެލާ

މުއައްވާޒް އަބްދުﷲ - ޓީމް ކެލާ

މި މުބާރާތުގެ އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދާފައި ވަނީ ފައިނަލް މެޗުގައި މުރައިދޫ ބަލިކޮށްގެންނެވެ.

މި މަހުގެ 18 ވަނަ ދުވަހު އަންހެން ޑިވިޛަންގެ ފައިނަލް މެޗު ކުޅެން ތާވަލު ކޮށްފައިވީ ނަމަވެސް ދިއްދޫގެ ކޯވިޑް ހާލަތާއި ގުޅިގެން އެޗްޕީއޭއިން އެ ރަށް މޮނީޓަރިންއަށް ލުމާއި ގުޅިގެން މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ 23 ޑިސެމްބަރ 2021 ވީ ބުރާސްފަތި ދުވަހުއެވެ.

ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗު ދިއްދޫ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3 ސެޓް 2 ސެޓުންނެވެ. ސެޓްތައް ގޮސްފައިވަނީ 18/25، 25/19، 25/21، 19/25، އަދި 15/7 އިންނެވެ.

އަންހެން ޑިވިޛަންގެ އެންމެ މޮޅު ހަ ކުޅުންތެރިން

ފާތުމަތު ތަހޫރާ – ދިއްދޫ

ފާތުމަތު ސަމާހް – މުރައިދޫ

އައިޝަތު އިބާދާ – ދިއްދޫ

ހައްވާ އަބްދުލްކަރީމް – ދިއްދޫ

ފާތުމަތު ސަބާނާ – މުރައިދޫ

ސަމީނަތު ހުސައިން – މުރައިދޫ

އަހެން ޑިވިޛަންގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިއަކަށް މުރައިދޫ ޓީމްގެ ލިބަރޯ ކުޅުންތެރިޔާ ހޮވުނުއިރު، މި ޑިވިޛަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ މުރައިދޫ ޓީމްގެ ކޯޗް އަސްރާރް އަބްދުﷲއެވެ. މި ޑިވިޛަންގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިއްދޫ ވޮލީ ޓީމްގެ ފާތުމަތު ތަހޫރާއެވެ.

ބާރަށު ޒުވާނުންގެ ދިރުމުގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގެ، ފުރަތަމަ 16 މުބާރާތް ބާއްވާފައި ވަނީ ރަށު ފެންވަރުގައެވެ. މިއީ އެންމެ އުތުރުގެ ދެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. މިއީ އެ ޖަމްޢިއްޔާގެ 17 ވަނަ މުބާރާތެވެ.

ބާރަށު ޒުވާނުންގެ ދިރުމަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއަކީ ފާއިތުވި 28 އަހަރު ދެވަހުގެ ތެރޭގައި ވެސް ހުއްޓުމެއްނެތި ބާރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ހާއްސަކޮށް ރަށުފެންވަރުގައި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ގިނަ މުބާރާތްތަކެއް އެ ޖަމްޢިއްޔާއިން ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.