އ.ދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއާއި، ބަންގްލަދޭޝްއިން ވެސް ތައްޔާރަށް އޮތްކަމަށް މިއަދު ހާމަކުރަށްވައިފިއެވެ.
މިކަން ހާމަކުރަށްވާފައި ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިއަދު ދެއްވިގުޅިފައިވާ ބަޔާނުގައެވެ.
ގުޅިފައިވާ ބަޔާންދެއްވަމުން ރައީސުލްޖުމްހޫރިއްޔާއާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ އ.ދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މައިދާންތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމުގައި ވިދާޅުވެފައެވެ.
މި ބަޔާނުގައި ދެ ޤައުމުގެ ލީޑަރުން ވަނީ، ދެޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ތާރީޚީ ގުޅުމާއި އަވަށްޓެރި މި ދެ ޤައުމުން ޤަބޫލުކުރާ އެއްގޮތް އުޞޫލުތަކާއި އާދަކާދަތަކާއި އަދި ޙިއްޞާކުރާ އެއްގޮތްކަންތައްކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، ފާއިތުވި އަހަރުގެ ތެރޭގައި ދެ ޤައުމުގެ ސަރުކާރުގެ އިސްބޭފުޅުން ދެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާކަން ފާހަގަކުރައްވައި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ދާއިރާއިން ބަންގްލަދޭޝް އިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އ.ދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަނެ ތަރައްޤީވަމުން އަންނަ ޤައުމަކަށް ބަދަލުވުމަށް އެޤައުމުން ކުރާ މަސައްކަތްތަކަށް ރައީސް ޞާލިޙް ވަނީ ތަޢުރީފު ކުރައްވާފައެވެ.
ރައީސް ޞާލިޙް އިތުރަށް ދެއްކެވިވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާއާއި ދިފާޢީ ދާއިރާއިން ރާއްޖެއަށް ބަންގްލަދޭޝްއިން ދޭ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް މިލިޓަރީ އުޅަނދުތަކެއް ހަދިޔާކުރެއްވުމާއި، ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއެކު މަތީ ތަޢުލީމަށް ފުރުޞަތު ތަނަސްކޮށްދިނުމާއި ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުންނަށް ވޮކޭޝަނަލް ތަމްރީނާއި ހުނަރުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންފަދަ ކަންކަމަކީ ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަންތައްތަކެއްކަން ވެސް ރައީސް ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ.
ބޮޑުވަޒީރު ޝައިޚް ހަސީނާ ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަދު ދެ ޤައުމުން ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަ ދައްކަވާފައެވެ. މިގޮތުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އުންމީދުގައި، ދެ ޤައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް އިތުރުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކޯވިޑް-19 ޕެންޑެމިކްގެ މިހާރުގެ ޙާލަތަށް ރިއާޔަތްކޮށް ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ އާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ސްޓޫޑެންޓް ވިސާ ހަމަޖެއްސައިދިނުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމަވާފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ..
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!