ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީ ސިޓީގައި ކުރެހުމާއި ލިޔުމުގެ މުބާރާތެއް ބާއްވައްވަން ނިންމައިފިއެވެ.

މިއީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ސިޓީކައުންސިލާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ad
rt

މިގޮތުން ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ކުރިއަށްގެންދާ "ވިލުންވެރި ފެސްޓު 2021''ގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ މިހަރަކާތުގެ މި އަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔުނައިޓް ޓު މިޓިގޭޓް އެންޑް ޕްރެޕެއަރ ފޮ ދަ އިމްޕެކްޓްސް އޮފް ކްލައިމެޓް ޗޭންޖް އެންޑް ޑިސާސްޓަރ "މޫސުމީ ކާރިސާތަކާއި ތޫފާންތަކުން ކުރާ އަސަރުތައް އެއްބައިވަންތަކަމާއިއެކު ކުޑަކޮށް އެކަމަށް ތައްޔާރުވެ ތިބުން" އެވެ.

މި އަހަރުގެ ފެސްޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުރެހުމާއި ލިއުމުގެ މުބާރާތް ކުރިއަށް ގެންދަނީ މި ޝިއާރާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މުބާރަތުުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 16:30 އާ ހަމައަށެވެ.

ކުޅުދުއްފުށީގެ އުމުރުން 7 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރު ފުރާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގަވާއިދުތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް http://tinyurl.com/Vilunveri މި ލިންކް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ އެންޑީއެމްއެ އިން ވަނީ ބުނެފައެވެ. ކުރެހުމުގެ މުބާރަތުގައި ބައިވެރިވާ ފަރާތްތައް 3 އުމުރު ފުރައަކަށް ބަހާލެވިގެން ދާއިރު ލިޔުމުގެ މުބާރާތުގައި ބަހާ ލެވިގެންދަނީ 2 އުމުރު ފުރާ އަކަށެވެ.

މި 2 މުބާރަތުގައި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މުބާރާތަކުން އެ އުމުރު ފުރައަކުން އެންމެ މޮޅު 2 ފަރާތެއް ނުވަތަ 3 ފަަރާތެކެވެ. ކުރެހުމުގެ މުބާރަތުގެ 7 އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރުފުރާއިން އެންމެ މޮޅު 3 ކުރެހުންތެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި މުބާރަތާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ވާ ނަމަ އެ އޮތޯރިޓީގެ އަށް 7920309 ގުޅުއްވުމަށް ނުވަތަ Email: izdhiha.rushdy@ndma.gov.mv މެއިލް ކުރެއްވުމަށް އެންޑީއެމްއޭ އިން ވަނީ އެދިފައެވެ.

މި ފެސްޓްއާއި ގުޅެގޮތުން ތައްޔާރުވުމަށް މިއަދު ވަނީ އެންޑީއެމްއޭ އާއި އެމްއާރްޑީސީ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެދުގައި މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ.