ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ބޮޑުވަޒީރު ޝައިޚް ޙަސީނާގެ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ.

Ad
rt

ބަންގުލަދޭޝްގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަމަނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ބޮޑުވަޒީރު ޝައިޚް ޙަސީނާ އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޮޑުވަޒީރާއި ވަފުދުގެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވީ ދިވެހި ޚާރިޖިއްޔާގެ އިސް ބޭފުޅުންނެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާއާ އަދި ދަޢުލަތުގެ ބައެއް ޢިއްޒަތްތެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވެގެންދާނެ ބައެއް އެއްބަސްވުންތައް ދެޤައުމުގެ ދެމެދު ބަދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދެޤައުމުގެ ދެމެދު މަޝްވަރާކުރައްވާ ކަންކަމާގުޅޭ ތަފްޞީލުތައް ހާމަކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.