ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށްދޭ ހަމައެކަނި ތަޢުލީމެއްގެ ސަބަބަކުންނެއް ނޫންކަމަށާއި، އެކަން ހާސިލްވެގެން ދަނީ ދަރިންނަށްދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ، މިހެން ވިދާޅުވީ އީ.ޕީ.އެސް. ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޭ ބޭއްވި "ޚިދުމަތުގެ ހަވީރު 2021" ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފްލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ، ގާތްގަނޑަކަށް 52 އަހަރު ކުރިން އީ.ޕީ.އެސް. އުފެދިގެން އައީ، ދިވެހިރާއްޖެ، ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ. އަދި އެއީ ދުރުވިސްނޭ، ދިވެހިރާއްޖެއަށް ހެޔޮއެދޭ، ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމަށް ލޯބިކުރައްވާ އޭރުގެ ދިވެހި ޒުވާނުންތަކެއް އިސްނަންގަވައިގެން ކުރެއްވި ވަރަށް މުހިންމު އަގުނުކުރެވޭވަރުގެ ބޮޑު ޚިދުމަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތައުލީމީ ނިޒާމުއޮތް ހާލަތަށް އަލިއަޅުވާލައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، 1960ގެ އަހަރުތައް ނިމިގެންދިޔައިރުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރީ ގާތްގަނޑަކަށް 28 ސްކޫލް ކަމަށެވެ. އޭގެތެރޭގައި، ސަރުކާރުން އެހީވާ އެއްވެސް ސްކޫލެއް ނެތް ކަމަށާއި، މިއީ 1960ގެ އަހަރުތައް ނިމި، 1970ގެ އަހަރުތަކަށް ރާއްޖެ ކުރިމަތިލިއިރުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު އޮތް ޙާލަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހަމައެކަނި ސަރުކާރުން ހިންގާ ސްކޫލްތަކެއްގެ ގޮތުގައި ހުރީ، މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، އޭރުގެ ނަމުންނަމަ، ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް. މިފަދަ ޙާލެއްގައި ތަޢުލީމަށް ބޭނުންވެފައި ތިބި އެތައް ދަރިވަރުންނެއް ތިއްބައި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޤައުމުދެކެ ލޯބިވާ، ރާއްޖޭގެ ތަޢުލީމަށް ލޯބި ކުރައްވާ ދަރިންތަކެއް ނުކުމެ، އީ.ޕީ.އެސް. ސްކޫލް، 1968 ވަނަ އަހަރު ވުޖޫދަށް ގެނައީ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
އީ.ޕީ.އެސް ސްކޫލް އުފެދިގެންއައިގޮތަށް ވިދާޅުވެ ދެއްވުމަށްފަ ރައީސް ވިދާޅުވީ، އެ ސްކޫލަށް 52 އަހަރު ފުރިގެންދާއިރުގައި، ހަތާވީސްހާހެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލުކޮށް، އެކި ދާއިރާގައި މިހާރު ޚިދުމަތް ކުރަމުން އެބަގެންދާކަމަށެވެ.
"ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށްދޭ ހަމައެކަނި ތަޢުލީމެއްގެ ސަބަބަކުންނެއް ނޫން. ދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށް. އީ.ޕީ.އެސް. އިން ކޮށްދިން ކަމަކީ އެއީ. ދެވުނު ތަޢުލީމާ އެކީގައި ދަރިވަރުން ތަރުބިއްޔަތުކުރި. ތަމްރީނުތައް ދިން. މުޅި މުޖުތަމަޢަށް ލޯ ހުޅުވާލަދިން. މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް، މިކަމުގެ ޙަޤީޤަތް އެއޮތީ ސާފުކޮށް ފެންނަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި އީ.ޕީ.އެސް.ގައި ކިޔަވައިދިނުމުގެ އިތުރަށް، އިތުރު އެތައް ކަންތައްތަކެއް ކޮށްދެއްވި ކަމަށާއި، ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީއާއި، މިނީ ޔޫ.އެން.އޯ.އާއި އަދި އަތޮޅުތައް ތަމްސީލުވާގޮތަށް ބޭއްވުނު ބައްދަލުވުންތަކާއި، ކެޑެޓާއި، ގާރލްގައިޑާއި، ސްކައުޓާ، މިހެންގޮސް އެތައް އެތައް އިތުރު ޙަރަކާތްތަކެއް، އީ.ޕީ.އެސް.ގެ ތެރޭގައި އޭރު ކުރިއަށް ގެންދިޔަކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މިއަދުގެ ނަމުންނަމަ، ވަށާޖެހޭ ތަޢުލީމު އޭރު އެއޮތީ ފެށިފައި އީ.ޕީ.އެސް. އިންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، މިއަދު މި ރާއްޖެ މިއޮތީ އަނެއްކާވެސް އީ.ޕީ.އެސް. އަކަށް ބޭނުންވެފައިކަމަށެވެ. އީ.ޕީ.އެސް. އިން އުފެއްދި ދަރިވަރުންގެ ތެރޭގައި، ޕްރޮފެސަރުންނާއި، ޑޮކްޓަރުންނާއި، ސިފައިންނާއި، ފުލުހުންނާއި، ނަރުހުންނާއި، ކުޅިވަރު ކުޅޭ މީހުންނާއި، ޓީޗަރުންނާއި، ޅެންވެރިންނާއި، ތަމްސީލު ކުޅޭ މީހުންނާއި، ލަވަކިޔާ ފަރާތްތަކާއި، މިހެންގޮސް ހުރިހާ ދާއިރާއެއްގައި އަދި ނުވާތަނަކަށް ސިޔާސީ ދާއިރާގައިވެސް އެންމެ އުހުގައި އެބަތިބި މިއަދު އީ.ޕީ.އެސް. އިން ތަޢުލީމު ޙާޞިލުކޮށްގެން ނުކުތް ދަރިވަރުންކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!