ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކޯޓަށް ހާޒިރުކުރުމަށް ހައްޔަރު ކުރުމަށްފަހު، ދޫކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

ޖާބިރު ހައްޔަރު ކޮށްފައި މިވަނީ ސިވިލް ކޯޓަށް ހާޟިރުކުރުމަށް ނެރެފައިވާ އަމުރެއްގެ ދަށުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް ފުލުހުންގެ ރަސްމީ ބަހެއް އަދި މިކަމަށް ލިބިފައެއް ނުވެއެވެ.

ސިވިލް ކޯޓަށް ހާޒިރުކުރުމަށްފަހު މިހާރު ޖާބިރު ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މެންބަރު ޖާބިރާ ގުޅޭ އެކިކަންކަން ދޭތެރެ ދޭތެރެއިން ފެންމަތިވަމުން އާދެއެވެ. މިގޮތުން މަތިވެރީގައި ހުންނަ އޭނާގެ ގެސްޓް ހައުސްއެއްގެ މައްސަލައަކާގުޅޭ މާރާމާރީއެއްގެ މައްސަލައިގެ ތުހުމަތު އޭނާއަށް ކުރެވިފައިވާއިރު، މަގުމަތީ ޕާކްކޮށްފައި ހުރި ސައިކަލްތަކަކަށް ގެއްލުންދޭ ވީޑިއޯއެއް ވެސް ވަނީ ދައުރުވެފައެވެ.

އަދި ކޯވިޑްގެ ކުރީކޮޅު އެޗްޕީއޭގެ އުސޫލާއި ޚިލާފަށް ރަށަކަށް އެރި މައްސަލައެއް ވެސް ފެންމަތިވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފިނަމަ އެކަން މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އަންގަން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ލާޒިމު ކުރެއެވެ. މެންބަރު ޖާބިރު ހައްޔަރުކޮށްފައިވާކަން ފުލުހުން މަޖިލީހަށް އެންގިއެވެ.