އިންޑިއާ އައުޓް ގޮވޭނެކަމަށާއި، އަދި އެހެން ގޮވަންވެސް ގޮވާނެ ކަމަށާއި، އެހެން ގޮވުމުން "ނުވެސް ޖެހޭނެ" ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޝުޖާޢު މިހެން ވިދާޅުވީ، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު އިބްރާޙީމް ފަލާޙް ވާހަކަ ދައްކަވާ ވީޑިއޯ ޓްވީޓާގައި ހިއްސާ ކުރަށްވާ ޓްވީޓެއްގައެވެ.
އެ ވީޑިއޯގައި މެންބަރު ފަލާހް ވާހަކަ ދައްކަވާފައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ހިންގަމުންދާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭނާއި ގުޅޭގޮތުންނެވެ.
އެ ވީޑިއޯ އަކީ އެމްޑީޕީން މިއަދު ބޭއްވި އެ ޕާޓީގެ މާލެ ސިޓީގެ ބައްދަލުވުމުގައި މެންބަރު ފަލާހް ދެއްކެވި ވާހަކައިން ބައެއް ފެންނަ ވީޑިއޯ އެކެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މޭމަތީގައި ބޮޑުސިންގާކޮށް އިންޑިއާ އައުޓް ޖަހައިގެން ނުކުމެ މިތާ އަތިރިމަތީގައި އެހެރީ ތަހުޒީބު ބޭފުޅެއްކަމަށް، ތަހުޒީބު ދަންނަ ބޭފުޅެއްކަމަކަށް، އެހެންނަމަ ރާއްޖޭގެ ރައްޔިތުންނަށް މިވަރުބޮޑު ގެއްލުމެއް ނުދޭނެ، ނިކަންބައްލަވާ އަޅުގަނޑުމެން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދަށް ނުހައްގުން ޙުކުމްކޮށްފަ އިނގިރޭސިވިލާތަށް އަރުވާލާފަ ބަހައްޓާފަ ކޮމަންވެލްތުން ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ" އެ ވީޑިއޯ ފެށޭއިރު ފަލާހް ވިދާޅުވެފަވެއެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ ސަބަބުން ރާއްޖޭގެ ކިޔަވާކުދިންނަށް ސްކޮލާޝިޕްލިބުން ދަތިވެ ގެއްލުން ވެގެންދިޔަ ކަމަށާއި، ކުޅިވަރުކުޅޭ ޒުވާން ކުދިންނަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިގެން ދިޔަކަމަށް އެ ވީޑިއޯގައި ފަލާހް ވިދާޅުވެއެވެ.
އޭނާ ވިދާޅުވީ "މިސަރުކާރުން އަލުން ކޮމަންވެލްތާއި ގުޅިގެން މިތިބީ އެތައް މަސައްކަތެއްކޮށްގެން" ކަމަށެވެ.
"ހަމައެކަހަލަ ގޮތެއް އަނެއްކާ މިފަށަނީ، ރައީސް ނަޝީދު ވިދާޅުވިހެން އިންޑިއާ އައުޓެކޭ ނުގޮވޭނެ، ގޮވާކަމަށްވަންޏާ އަޅުގަނޑުމެންޖެހޭ އެމީހެއްގެ ކަންފަތްމަތީގައި ޖަހަންވެސް، އެނޫންގޮތަކަށް ނުހުއްޓުވޭނެ، އެއީ އެކުރަންޖެހޭކަމެއް މިހާރު، އެއީ އަޅުގަނޑުމެން ދިވެހި ކޮންމެ ރައްޔިތަކާ ގުޅުންހުރިކަމެއް،" ފަލާހް ވިދާޅުވެފަ ވެއެވެ.
ދިވެހި ރައްޔިތުންނަށް ލިބޭ ކޮންމެ ގެއްލުމެއްގެ ފަހަތުގައި އެހީތެރިވާން އޮތް ގައުމަކީ އިންޑިއާ ކަމަށާއި، "އެހެންވީމަ މިކަންކޮށްގެން ވެސް އިންޑިއާ އައުޓް ހުއްޓުވެންޖެހޭނެ" ކަމަށް ފަލާހް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ ގައުމީ މަޖިލިސް ބާއްވާ އިންޑިއާ އައުޓް ނުގޮވޭނެކަމަށް ފާސްކޮށް، އިންޑިއާ އައުޓް ގޮވާ މީހުންނާ ދޭތެރޭ ސަރުކާރުން ފިޔަވަޅުއަޅަން ގައުމީ މަޖިލީހުން ފާސްކުރަން" އެ ވީޑިއޯގައި ފަލާހް ވިދާޅުވެފަވެއެވެ.
އެ ވީޑިއޯއަށް އިޝާރާތްކުރަށްވާ ޝުޖާޢު ވިދާޅުވީ، އިންޑިއާއައުޓު ގޮވޭނެ ކަމަށެވެ. އަދި އެހެން ގޮވާނެ ކަމަށާއި، އެހެން ގޮވުމުން ނުވެސް ޖެހޭނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ،
"ޖެހޭނީ ހަޖަމުކޮށްލައިގެން ތިބެލަން. މިއީ ތާހިރު ދިރިއުޅުން ރައްޔިތުންނަށް ދައްކަން އައި މީހުންގެ ފެންވަރު ހުރި ގޮތް! ތިތިބީ ޤައުމު ވިއްކާލައިގެން. މޭ ފުއްޕާފަ މަމީ އާނޯލްޑޭ ބުނި ޒަމާން ނިމިއްޖެ" ޝުޖާޢު ވިދާޅުވިއެވެ.
އިއްޒަތްތެރި މެމްބަރ @m_falaah.#އިންޑިއާއައުޓު ގޮވޭނެ،ގޮވާނަން.ނުވެސް ޖެހޭނެ.ޖެހޭނީ ހަޖަމުކޮށްލައިގެން ތިބެލަން.މިއީ ތާހިރު ދިރިއުޅުން ރައްޔިތުންނަށް ދައްކަން އައި މީހުންގެ ފެންވަރު ހުރި ގޮތް!ތިތިބީ ޤައުމު ވިއްކާލައިގެން.މޭ ފުއްޕާފަ މަމީ އާނޯލްޑޭ ބުނި ޒަމާން ނިމިއްޖެ.#IndiaOut pic.twitter.com/svuORsPnVf
— Ibrahim Shujau (@IbrahimShujaau) December 21, 2021
އިދިކޮޅުން އިސްވެ ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ފުޅާކުރަން ނިންމައި އެކޯލިޝަންގެ އިސްވެރިން މިހާރު ވަނީ އަތޮޅު ތަކަށް ދަތުރު ފައްޓަވާފައެވެ. މިގޮތުން މިދިޔަ ހަފްތާ ބަންދުގައި ވަނީ އިދިކޮޅު ލީޑަރުޝިޕް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް މި ކެމްޕޭން ހިންގާފައެވެ.
މިގޮތުން އިދިކޮޅު ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނާއި، ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) އިސްކޮށް ތިއްބަވާ ކުރެއްވި މި ދަތުރުގައި ކ. ގުރައިދޫ އަދި ތުލުސްދޫއަށް ވަޑައިގެން ވަނީ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތްތައް ހިންގަވާފަވެއެވެ.
މީގެއިތުރުން ޝުޖާޢު އިސްވެ ހުންނަވާ އޭނާގެ އުފަން ރަށް ބާރަށުގައި ވެސް ވަނީ މި ހަރަކާތް ކުރިއަށް ގެންދަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!