ހއ. ބާރަށުގައި ތިބި އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ ސަޕޯޓަރުން އިސްވެ، ރާއްޖޭގައި ތިބިކަމަށްބުނާ އިންޑިއާ ސިފައިން ބާލަން ގޮވާލައި އެރަށުގައި މިއަދު އިހުތިޖާޖުކޮށްފިއެވެ.
މި އިހްތިޖާޖުގައި ބާރަށުގައި ތިބި ޕީޕީއެމް، ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
"އިންޑިއާ މިލިޓަރީ އައުޓް" ޖަހާފައިވާ ޓީޝާޓްތައް ލައިގެން ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގައި އިސްކޮށް ހުންނެވީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު އެވެ.
އިދިކޮޅުން އިސްވެ ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ފުޅާކުރަން ނިންމައި އެކޯލިޝަންގެ އިސްވެރިން މިހާރު ވަނީ އަތޮޅު ތަކަށް ދަތުރު ފައްޓަވާފައެވެ. މިގޮތުން މި ހަފްތާ ބަންދުގައި ވަނީ އިދިކޮޅު ލީޑަރުޝިޕް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް މި ކެމްޕޭން ހިންގާފައެވެ.
މިގޮތުން އިދިކޮޅު ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނާއި، ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) އިސްކޮށް ތިއްބަވާ ކުރެއްވި މި ދަތުރުގައި ކ. ގުރައިދޫ އަދި ތުލުސްދޫއަށް ވަޑައިގެން ވަނީ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތްތައް ހިންގަވާފަވެއެވެ.
އިދިކޮޅުން ވަނީ މިހަރަކާތް ފުޅާކުރާނެ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!