ދިވެހިރާއްޖޭން އިންޑިޔާ ސިފައިން ބާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް ޢިއުލާން ކުރަށްވާފައެވެ.

Ad
rt

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް "އިންޑިއާ އައުޓް ކެމްޕޭނަކީ ޖަރީމާއެއް'' ކަމަށް މިއަދު ވިދާޅުވި ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓެއް ހިމަނުއްވާފަ އެވެ.

އެއަށްފަހު އުމަރު ވިދާޅުވީ، ދިވެހިރާއްޖޭން އިންޑިޔާ ސިފައިން ބާލާނެ ކަމަށެވެ.

އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ ކަމަށާއި، ދިވެހިން އަޅުވެތި ކަމާ ދެކޮޅު ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ، ދިވެހިރާއްޖޭން އިންޑިޔާ ސިފައިން ބާލާނަން. އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ. ދިވެހިން އަޅުވެތި ކަމާ ދެކޮޅު." އުމަރު ވިދާޅުވިއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ އެ ޕާޓީން ގަބޫލުކުރާ ހަރަކާތްތަކެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެދޭ ކަމަކަށް ނުވާތީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަށް އެ ޕާޓީން ވެސް ތާއީދު ނުކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭނަކީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިސްވެ އޮވެ ހިންގާ ހަރަކާތެކެވެ. އެ ހަރަކާތް ފުޅާކުރަން ނިންމައި އެކޯލިޝަންގެ އިސްވެރިން މިހާރު ވަނީ އަތޮޅު ތަކަށް ދަތުރު ފައްޓަވާފައެވެ.

މިގޮތުން މި ހަފްތާ ބަންދުގައި ވަނީ އިދިކޮޅު ލީޑަރުޝިޕް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް މި ކެމްޕޭން ވަނީ ހިންގާފައެވެ.