ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ފުރަމާނަ ދަތުރުފުޅެއްގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ މި މަހު 22 ން 27 އަށެވެ. މިދަތުރުފުޅުގައި އެ ކަމަނާގެ ރަސްމީ ހަރަކާތްތައް ކުރިޔަށްދާނީ މި މަހުގެ 22 ން 23 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

Ad
rt

‎ރައީސް އޮފީހުން ވިދާޅުވީ، އެ ކަމަނާގެ މި ދަތުރުފުޅަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

‎މި ދަތުރުފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށާއި އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ޤައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާވެގެންދާނެއެވެ.

‎ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރެވުނީ 22 ސެޕްޓެމްބަރ 1978 ވަނަ އަހަރުގައެވެ.