ހއ. މޮޅަދޫ ކައުންސިލްގެ އެސެޓްތަކުގެ ތެރޭގައި ހިމެނޭ ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ދެއަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ.
މިގޮތުން މޮޅަދޫން ވަރުވާއަށް ދޫކުރުމަށް ނިންމާފައިވާ ރުއްގަސްތަކަކީ، އެރަށުގެ ވަލުތެރޭގެ އެކި ސަރަހައްދުތަކުގައި ހުރި ރައްޔިތުންގެ މާކަށިކެޔޮ ގަސްތަކަކާއި، މޮޅަދޫ އަމީނީމަގު އުތުރުކޮޅު ދެފަރާތު ރުއްގަނޑާއި އަދި މޮޅަދޫ ފާލަންމަގު ދެފަރާތު ރުއްގަނޑެވެ.
މީގެއިތުރުން މޮޅަދޫ ތައްނުޖަހާ ކުޑަރުއްގަނޑާއި، މޮޅަދޫ ޒިޔާރަތު ރުއްގަނޑާއި، މޮޅަދޫ ރައްޔިތުންގެ ތައްޖެހި ބޮޑު ރުއްގަނޑު، މޮޅަދޫ ތައްކަށި އަދި މޮޅަދޫ އަމީނީމަގު އުތުރު އިރުމަތީފަރާތު ވަލުތެރެ ރުއްގަނޑުވެސް ވަރުވާއަށް ދޫކުރުމަށް ނިންމާފައިވާ ރުއްގަހުގެ ތެރޭގައި ހިމެނެއެވެ.
މި ރުއްގަނޑުތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ރުއްގަނޑު ކުއްޔަށް ނެގުމަށް ބޭނުންވާ އަގު އެނގޭގޮތަށް ލިޔެ، ބަންދުކޮށްފައިވާ ސިޓީއާއެކު 2021 ޑިސެންބަރު 27 ވާ ހޯމަ ދުވަހުގެ 10:00 އަށް މޮޅަދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގަންނަވަންޖެހެއެވެ.
ގަޑިއަށް ހާޟިރު ނުވާފަރާތްތަކުގެ ސިޓީ ބަލައި ނުގަންނަން ނިންމާފައިވާއިރު، ސިޓީތައް ހުޅުވާނީ ހާޟިރީންގެ ހާޟިރުގައެވެ. އަދި ބަދަލުގައި މީހަކު ފޮނުވުމުގެ ފުރުޞަޠުވެސް އޮންނާނެއެވެ.
މި ރުއްގަޑުތައް ކުއްޔަށް ހިފުމަށް އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް އެއްބަސް ވުމެއްގެ ދަށުން ރުއްގަނޑުތައް ކުއްޔަށް ދޫކުރެވޭނެ ކަމަށް މޮޅަދޫ ކައުންސިލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!