ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން މާލޭ ސިޓީގެ މާލެއާއި، ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 119 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިއީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

Ad
rt

މި ޑިސެމްބަރު މަހުގެ 12 ން 14 އަށް މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

މި އޮޕަރޭޝަންތަކުގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީ އަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިގޮތުން ޑިސެމްބަރު 12 ވަނަ ދުވަހު މާލެއިން ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ޑިސެމްބަރު 13 ވަނަ ދުވަހު ސައިކަލެއް ބަލައިފާސްކޮށް، ސައިކަލްގެ މަޑިދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

މީގެއިތުރުން ޑިސެމްބަރު 14 ވަނަ ދުވަހު މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށް ހުޅުމާލެއިން ކާރެއް ހުއްޓުވައި ބަލައިފާސްކޮށްފައިވާއިރު، އެކާރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 51 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާއިރު، 29 އަހަރު މީހާ ކޯޓަށް ހާޒިރުކުރުމުން ވަނީ އެއް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އެމީހާ ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ހާޒިރުކުރުމުން ވަނީ 14 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.