އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖަވާބުދާރީ ވުމަށް ފަސް ދުވަސް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

އޭސީސީގެ މެންބަރުން ވަކިކުރަން މިއަދު ވަނީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މަޖިލިސް އެއްވެފައެވެ.

Ad
rt

އެ ޖަލްސާގައި ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމަށް ހުށަހެޅުނު އެ މަސައްސަލަ މަޖިލިހުގެ ގަވާއިދުގެ ދަށުން އޮންނަ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅުމަށް ފަހު މި މައްސަލައާ މެދު ގޮތެއް ނިންމުމަށް އަލުން ކޮމިޓީއަށް ފޮނުވުމުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނީ އޭސީސީގެ މެމްބަރުން ލިއުމުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ދިނުމަށެވެ.

އެ ނޫން ގޮތަކަށް ކުރިއަށް ގެންގޮސްފި ނަމަ ޕްރޮސެސް މާ ދިގު ވެދާނެތީ ކަމަށް ބައެއް މެމްބަރުން ވަނީ ކޮމެޓީގައި ވިދާޅުވެފައެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އަދި އައިޝަތު އަބްދުﷲ އެވެ.

މި މައްސަލަ ހިންގަމުން ދަނިކޮށް އޭސީސީގެ މެންބަރު އިބްރާހީމް ޝަކީލް އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޝަކީލްގެ ކުރިން، އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.