އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ އާސެނަލްއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

އާސެނަލް މި މެޗަށް ނުކުމެފައި ވަނީ އެ ޓީމްގެ ތަޖުރިބާކާރު ފޯވާޑް އޮބާމަޔަން ނުލައެވެ. އަހުލާގީ މައްސަލަތަކަކާއި ގުޅިގެން އޮބާމެޔަން އަތުން މިދިޔަ އަންގާރަ ދުވަހު ވަނީ އާސެނަލްގެ ކެޕްޓަން ބޭންޑް ވެސް އަތުލާފައެވެ. ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅާފައި ވަނީ އެ ޓީމްގެ ފްރާންސް ފޯވާށް ލަކަޒޭޓްއެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވި ނަމަވެސް އާސެނަލްގެ ޓިއާނޭވަނީ ވެސްޓްހޭމްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ވެސްޓްހޭމްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގައި އާސެނަލުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 48 ވަނަ މިނެޓުގައެވެ. މި ލަނޑު ލަކަޒޭޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާޓިނެއްލީއެވެ.

މެޗުގެ 67 ވަނަ މިނެޓުގައި އާސެނަލްގެ ފޯވާޑް ލަކަޒޭޓްއަށް ވެސްޓްހޭމްގެ އޭރިއާގެ ތެރެއިން އެ ޓީމްގެ ޑިފެންޑަރ ކޮއުފަލް ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ އާސެނަލްއަށް ޕެނަލްޓީއެއް ދީފައެވެ. އެ ފައުލާއި ގުޅިގެން ރެފްރީވަނީ ކޫފަލްއަށް ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑް ދައްކާފައެވެ. ލަކަޒޭޓް ފޮނުވާލި ޕެނަލްޓީ ވެސްޓްހޭމްގެ ކީޕަރ ފަބިއަންސްކީވަނީ ދިފާއު ކޮށްފައެވެ.

މެޗުގައި އާސެނަލުން ކާމިޔާބުކުރި ދެވަނަ ލަނޑު 87 ވަނަ މިނެޓުގައި ބުކަޔޯ ޝަކާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސްމިތު ރޯވްއެވެ.

މި ނަތީޖާއާއިއެކު އާސެނަލް ވަނީ ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 17 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. މެޗުން ބަލިވި ވެސްޓްހޭމް ވަނީ ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ. އެ ޓީމަށް 17 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ. މިވަގުތު ކުޅުނު 17 މެޗުން 41 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ.