ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ހެލްތު މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ވެވުނު މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
ހެލްތު މިނިސްޓްރީން ބުނީ, އެ އެއްބަސްވުމުގެ ސަބަބުން ފެނަކައިގެ އައިޓީ ޓީމުން ސިއްހީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗާ އޮޑިޓެއް ހަދާނެ ކަމަށެވެ. މި އޮޑިޓުން ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް އެނގިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ, މިފަދަ މަޝްރޫއެއްގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހިދުމަތްތަކާއި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތުތައް ފަސޭހައިން ޑޭޝްބޯޑް ފަދަ އެކި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހެލްތު މިނިސްޓްރީއަށް ދުވަހުން ދުވަހަށް ފެންނާނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް ފަހިވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ސިއްހީ ދާއިރާގައި ބޭނުންކުރަމުންދާ އެކި ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ނެޝަނަލް ހެލްތު އިންފޮމޭޝަން ސިސްޓަމާއި ގުޅާލުމުގެ އަމާޒަށް މަގު ފަހިވެގެންދާނެ ކަމަށްވެސް ހެލްތުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!